ތުންފަތާއި ތަލީގެ އައިބު ނުވަތަ ކްލެފްޓް ލިޕްއާއި ކްލެފްޓު ޕެލެޓު އޮޕަރޭޝަން ކުރުމުގެ ކޭމްޕެއް ހުޅުމާލެ ހޮސްޕިޓަލުގައި އިފްތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު އެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތެއްގައި ތުންފަތާއި ތަލީގެ އައިބު އޮޕަރޭޝަން ކުރުމުގެ ކޭމްޕް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ތުންފަތާއި ތަލީގެ އައިބު އޮޕަރޭޝަން ކުރުމުގެ ކޭމްޕު އިފްތިތާހު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ތުންފަތާއި ތަލީގެ އައިބުގެ އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު ކަމާއެކު ހުޅުމާލޭ ހޮސްޕިޓަލުގައި ކުރެވެމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.

"...ކޮންމެ އާ ހިދުމަތެއް ތައާރަފު ކުރެވިގެން ކޭމްޕެއްގެ ސިފައިގައި ދާއިރު ކަނޑައެޅިގެން ދިވެހިރާއްޖޭގެ ރައްޔިތުން އެކި ހިސާބުތަކުން އަތޮޅުތަކުން ރަށްތަކުން ޒިޔާރަތްކޮށް މި ކޭމްޕުގައި ބައިވެރިވެ އަދި ސިއްހީ ފަރުވާ ލިބޭނޭ ފަދަ އިންތިޒާމެއް މިދަނީ ކުރިއަށް ދަމުން..."، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްތަކުގައި ގާއިމު ކުރެވިފައިވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަނޑައެޅިފައިވާ ދަރަޖައިގެ ދަށުން އެ ހިދުމަތްތައް ދުވަހުން ދުވަހަށް ރަނގަޅު ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"މިހާރުވެސް ހަމަ ހުޅުމާލޭ ހޮސްޕިޓަލުގައި މި ދެވޭ ހިދުމަތް ކިހާވަރަކަށްތޯ ހިދުމަތް ދެވެނީ ރައްޔިތުންނަށް ހިތްހަމަ ޖެހޭ ވަރެއްގެ ހިދުމަތެއްތޯ މިދެވެނީ މިދަނީ ބަލަމުން. ހަމަ މިގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގަ ސިއްހީ ހިދުމަތް ދެވޭ ހޮސްޕިޓަލްތަކާ އަދި ހެލްތު ސެންޓާގެ ހިދުމަތްތައްވެސް ދަނީ ކޮލިޓީ އެޝުއަރެންސް އިން ބަލަމުން. މިގޮތުން މިދިޔަ އަހަރު ނުވަ އަތޮޅެއްގައި މިނިސްޓްރީގެ ވަފުދުތަކެއް ޒިޔާރަތްކޮށް ވަނީ އެސެސްމެންޓުތަކެއް ހަދާފަ.."، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތްތަކަކީ އަގުބޮޑު ހިދުމަތްކަކަށް ވުމުން، އެ ހިދުމަތްތައް އިސްރާފު ކުޑަކޮށް އެދެވޭ ގޮތެއްގައި ދިނުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. ހަމައެއާއެކު، ސިއްހީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތުންފަތާއި ތަލީގެ އައިބު އޮޕަރޭޝަން ކުރުމުގެ ކޭމްޕު އިފްތިތާހު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝާކިރު ވިދާޅުވީ، ކްލެފްޓް ލިޕްއާއި ކްލެފްޓު ޕެލެޓު އޮޕަރޭޝަން ތަކަކަކީ މީގެ ކުރިންވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ކުރެވެމުން އަންނަ އޮޕަރޭޝަން ތަކެއް ކަމަށެވެ.

"...އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ރާއްޖެތެރޭގެ ގިނަ ފަރާތްތަކަކަށް މި މައުލޫމާތު އެނގިވަޑައިގަންނަވާފަ އެއް ނެތް،" ޝާކިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އޮޕަރޭޝަން ހުޅުމާލެ ހޮސްޕިޓަލުގައި ކުރެވޭކަމުގެ މައުލޫމާތު ރައްޔިތުންނަށް އެނގިފައި ނެތުމުގެ ސަބަބުން އެ ހިދުމަތް ހޯދުމަށް ވަރަށް ގިނަ ފަރާތްތަކަކުން އަމިއްލަ ހަރަދުގަ ނުވަތަ ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ދާ ކަމަށެވެ.

އަދި އޭގެ ސަބަބުން ވަރަށް ގިނަ ވަގުތާއި ހަރަދު އެ ފަރާތްތަކުގެ ކިބައިންނާއި ސަރުކާރުންވެސް ހޭދަ ވާ ކަމަށް އޭނާ ވިދާޅުވިއެވެ.