އަހުމަދުއާބާދު (ފެބްރުއަރީ 21):އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ އަވަށެއްގައި ކައިވެނި ނުކުރާ އަންހެނުން މޮބައިލް ފޯނު ބޭނުންކުރުން މަނާކޮށްފި އެވެ.

ޒުވާން އަންހެނުން ފޯނު ބޭނުން ކުރުން، ސޫރަޖް އަވަށުގެ ކައުންސިލުން މަނާކުރީ ފޯނަކީ "މުޖްތަމައަށް ހުރި އުނދަގުލެއް" ކަމަށް ދެކޭތީ ކަމަށް އަވަށުގެ ވެރިޔާ ދެވްޝީ ވަންކަރު ވިދާޅުވި އެވެ. އަދި ފޯނު ބޭނުންކުރާ އަންހެނުން ކިޔެވުމަށާއި ގޭގެ މަސައްކަތްތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދޭކަމަށްވެސް ދެވްޝީ ވިދާޅުވި އެވެ.

ދެހާސްމީހުންގެ އާބާދީއެއް އޮންނަ އެއަވަށުގައ،ި ސްކޫލަށްދާ އުމުރުގެ ފިރިހެން ކުދިން ފޯނު ގެންގުޅުންވެސް ވަރަށް އަވަހަށް މަނާކުރާނެ ކަމަށް ދެވްޝީ ވިދާޅުވި އެވެ.

ކައުންސިލުން ބުނާގޮތުގައި ކައިވެނިނުކުރާ އަންހެނަކު ފޯނެއް ގެންގުޅޭކަން ސާބިތުވެއްޖެ ނަމަ އޭނާ 2،100 ރުޕީސް [30 ޑޮލަރުން] ޖޫރިމަނާ ކުރާނެ އެވެ. އަދި އެފަދަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 200 ރުޕީސްގެ އިނާޔަތެއް ދޭނެ އެވެ.

ސޫރަޖު އަވަށުގެ ކައުންސިލުން މިމަހު އެފަދަ ނިންމުމަކަށް އައީ އެއަވަށުގައި ބަނގުރާ ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން އެކަން ހުއްޓުވުމާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާގައި ސްމާޓްފޯން ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރު ނިމޭ އިރު އިންޑިއާގައި ސްމާޓްފޯނު ބޭނުންކުރާ 200 މިލިއަން މީހުން ތިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. (އޭއެފްޕީ)