ހުޅުމާލެ ހޮސްޕިޓަލުގައި އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.

މިއަދު އެ ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ތައާރަފުކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އަލްޓްރާ ސައުންޑު ސްކޭންގެ ހިދުމަތް ތައާރަފު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ފާއިތުވި އަހަރުގައި ހުޅުމާލެ ހޮސްޕިޓަލަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"އެގޮތުން ފާއިތުވި އަހަރު ތެރޭގައި މި ހޮސްޕިޓަލުގައި ލެބޯޓްރީގައި ނުކުރެވޭ ބައެއް ޓެސްޓުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އަދި ނުކުރެވޭ ބައެއް ޓެސްޓުތައް އައިޖީއެމްއެޗް އަށް ފޮނުވައިގެން އެ ޓެސްޓުތައް ހެދޭނެ ގޮތަށް އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ލިބިގައިތުމުގައި ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ނުތަނަވަސްކަން ހާމަ ވެގެންދާ އިރު، އެ ހިދުމަތް ދެއްވުމަށް ޓަކައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިން، ޑޮކްޓަރުން، ނަރުހުން، ސިއްހީ ހިދުމަތްތައް މެނޭޖު ކުރައްވާ ބޭފުޅުންނަށް ވެސް ވަރަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމަށް ރަށްރަށުގައި ހުރި ދަތިތައް ދެނެގަތުމާ އެކު އެކަންތައްތައް ހައްލު ކޮށް ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލްޓްރާ ސައުންޑު ސްކޭންގެ ހިދުމަތް ތައާރަފު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ޝާކިރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި އަލްޓްރާ ސައުންޑް ސްކޭނުގެ ހިދުމަތް ތައާރަފު ކުރެވުނު ނަމަވެސް، ދާއިމީ ރޭޑިއޮލޮޖިސްޓެއް އެ ހޮސްޕިޓަލުގައި ނެތް ކަމަށެވެ.

"އަލްޓްރާ ސައުންޑް ސްކޭންގެ އިތުރަށް ހިތުގެ ބަލިތަކުގެ އިކޯ ކަހަލަ އެއްޗެހި ވެސް އަޅުގަނޑުމެންނަށް މިއާ އެކުގަ ލިބެން ފަށާނެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ކައިރި [މުސްތަގުބަލެއްގައި] އަޅުގަނޑުމެންނަށް ދާއިމީ ރޭޑިއޮލޮޖިސްޓެއް މިތަނުގައި ހިދުމަތް ދެއްވަން ފައްޓަވާނެ." ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދާއިމީ ރޭޑިއޮލޮޖިސްޓެއް ހުޅުމާލޭ ހޮސްޕިޓަލުގައި ނެތް ނަމަވެސް ކޮންމެ ބުދަ ދުވަހަކު އެ ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ ރޭޑިއޮލޮޖިސްޓެއް ހިދުމަތް ދެއްވާނެ ކަމަށެވެ.

އަލްޓްރާ ސައުންޑު ސްކޭންގެ ހިދުމަތް ތައާރަފު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުން އަލްޓްރާ ސްއުންޑް ސްކޭންގެ ހިދުމަތް ހޯދި ފުރަތަމަ ފަރާތަށް ސްކޭންގެ ރިޕޯޓު ވެސް ހަވާލުކޮށްފަ އެވެ.