ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ގެއެއްގެ މަތިން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި އިއްޔެ ޒަހަމްވި ބިދޭސީ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ، ޒަހަމްވި މީހާގެ ހާލަތު އެއްވެސް ވަރަކަށް ރަނގަޅު ވަމުން ނުދާ ކަމަށެވެ. އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު އޭނާ އަދިވެސް ހޭ ނާރަ އެވެ.

އިއްޔެ ހިނގި ހާދިސާގައި ޒަހަމްވެ، މިހާރު އެ ހޮސްޕިޓަލުގެ އައިސިޔޫގައި ފަރުވާ ދެމުން ދަނީ ބަނގްލަދޭޝްގެ ރައްޔިތަކަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ނޭވާ ނުލާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި އިރު، މިހާރު ވެސް އޭނާ ނޭވާލަމުން ގެންދަނީ މެޝިނެއްގެ އެހީގަ އެވެ. އަދި ބޮލަށް ލިބުނު ޒަހަމްތަކާ ގުޅިގެން މިހާރު ވަނީ އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.

މޫކައި ހޮޓެލް ކައިރީ، ދީފްރަމް ގޯޅިގަނޑުގައި އިމާރާތް ކުރަމުންދިޔަ ގެއަކުން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި ބިދޭސީ މީހާ ޒަހަމުވި މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.