ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމްގެ އާއިލާގެ 14 މެމްބަރަކަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ފައިލް ކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަފުޅުދައްކަވަމުން ނިޔާޒު ވިދާޅުވީ، އެމަނިކުފާނާއި އާއިލާގެ 14 މެމްބަރުން ނެތިކޮށްލާނެ ކަމުގެ އިންޒާރުދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އޮޑިޓް ރިޕޯޓެއް ނެރުއްވުމުން ކަމަށެވެ.

ނިޔާޒު ވިދާޅުވީ، އެ އިންޒާރު ދިނުމާއެކު އެދުވަހު އެމަނިކުފާނު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވަނީ އެ މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި މީގެދުވަސްކޮޅެއް ކުރިން ފުލުސް އޮފީހުން އެމަނިކުފާނަށް ފޯނުކުރައްވައި އެ މައްސަލަ ފައިލްކުރިކަން އަންގާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓު ނެރުނު މައްސަލާގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެމަނިކުފާނަށް އިންޒާރު ދެއްވި ކަމަށް ނިޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައަކީ އެސްއެމްއެސް މެދުވެރިކޮށް ނިޔާޒު އިބްރާހީމާއި އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނަށް އިންޒާރުދިން މައްސަލައެއް ކަމަށާއި އެ މައްސަލަ ފައިލްކުރީ ތުހުމަތު ކުރެވޭ ފަރާތްތައް ހޯދިފައިނުވާތީ ކަމަށެވެ. އަދި އެއީ ކޮންބައެއްކަން އެނގުމުން އެ މައްސަލަ އަދިވެސް ކުރިއަށްގެންދާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.