އޭނާގެ ޗެއާމަންޝިޕް ކަމުގެ ދަށުން އެންމެ ބޮޑު އަމާޒަކީ އީގަލްސްއަށް ތަށިތަކެއް ހޯދައިދިނުން ކަމަށް އިގަލްސްގެ އާ ޗެއާމަން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެއާމަން ކަމާ ހަވާލުވުމަށްފަހު 'ސަން' އަށް ދިން އިންޓަވިއުގައި ޝިޔާމް ވިދާޅުވީ، އީގަލްސް ފުރަތަމަ ޑިވިޝަންގައި ވާދާ ކުރާތާ އަހަރުތަކެއް ވީއިރުވެސް ތައްޓެއް ލިބިފައި ނުވާއިރު، އާ މެނޭޖުމެންޓްގެ އެންމެ ބޮޑު އަމާޒަކީ އީގަލްސްއަށް ޗެމްޕިއަން ޓްރޮފީ ތަކެއް ހޯދައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ، މެނޭޖްމެންޓާ ކޯޗިން ސްޓާފުންނާއެކު މަޝްވަރާކޮށް އީގަލްސްއަށް ޓެކްނިކަލީ ގެންނަން ޖެހޭ ބަދަލު ތަކަކީ ކޮބައިތޯ އެނަލިސިސްއެއް ހަދަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މަޝްވާރާ ކުރަމުން ޓެކްނިކަލީ ގެންނަންޖެހޭ ބަދަލުތަކާ މެދު. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނެ ޕްލޭނެއްވެސް އެކުލަވާލާނަން،" މެންބަރު ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ދިވެހި ލީގުގެ ތިން ވަނައިގައި ނިންމާލިއިރު މިއަހަރު އެންމެ ބޮޑު އަމާޒަކީ އެއަށްވުރެ ދުރަށް ޓީމު ގެންދިއުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އީގަލްސްއަކީ އަބަދުވެސް ޒުވާން ކުޅުންތެރިން ތައާރަފްކޮށް އެކުޅުންތެރިންނަށް ފުރުސަތުދޭ ޓީމެއް ކަމަށާއި އޭނާގެ މެނޭޖުމެންޓްގެ ދަށުގައިވެސް އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނާ އެކުވެސް ތަށި ހޯދޭނެ ސްކޮޑެއް އީގަލްސްއިން ބިނާ ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދެހާސް ސާދަ ވަނަ އަހަރު އީގަލްސް ވަނީ ޕްރެޒިޑެންޓް ކަޕް ފައިނަލް ކުޅެފައި. ކީއްވެތޯ އަޅުގަނޑުމެންނަށް ޗެމްޕިއަން ކަން ނުހޯދެންވީ؟ ފައިނަލަށް ދެވުނުއިރު ޗެމްޕިއަންކަން ހޯދުމުގެ ހިތްވަރުވެސް އިގަލްސްގެ ކިބައިގަން ހުންނާނެ،" ޝިޔާމް ވިދާޅުވިއެވެ.