ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ޔޫކޭގައި ހުންނަ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގެ ސެއިންސްބަރީ ރިސާރޗް ޔުނިޓު ގުޅިގެން އާކިއޮލޮޖީއާ ގުޅޭ ގޮތުން ދިވެހި ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ އެކި ސްކޫލުތަކުގައި އޭ ލެވެލް އަށް ކިޔަވަމުން އަންނަ ކުދިންނަށް އަމާޒުކޮށްގެންނެވެ.

ހޭލުންތެރިކުރުމުގެ އެ ޕްރޮގްރާމުގައި އާކިއޮލޮޖީއަކީ ކޮބައިކަމާ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގެ ސެއިންސްބަރީ ރިސާރޗް ޔުނިޓުގެ ފަރާތުން ކުރާ ދިރާސާ އާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

އާކިއޮލޮޖީ އާ ގުޅޭ ގޮތުން ދިވެހި ދަރިވަރުން ހޭލުންތެރި ކުރުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ހެރިޓޭޖް

އެ ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވީ ޔޫކޭ ރިސާޗް ޔުނިޓުގެ ޑރ.އޭން ހަވާ އާއި ހެރިޓޭޖް ޑިޕާޓްމަންޓުގެ އާކިއޮލޮޖިސްޓް ޝިއުރާ ޖައުފަރެވެ. ޑރ.އޭން އަކީ ރާއްޖޭގައި ކުރިން ފައިސާގެ ގޮތުގައި ގެންގުޅުނު ބޮއްޔާއި ގުޅޭ ގޮތުން ދިރާސާކުރުމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޝިއުރާ އަކީ އާކިއޮލޮޖީއިން މިހާރު ޕީއެޗްޑީއަށް ކިޔަވަމުން އަންނަ ބޭފުޅެކެވެ.

އެ ޕްރޮގްރާމުގެ މަގްސަދަކީ އާކިއޮލޮޖީއަށް ކުދިންގެ ޝައުގުވެރިކަން އުފައްދައި އެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުން ކަމަށް ހެރިޓޭޖުން ބުނެ އެވެ.