ކާބުލް (ފެބްރުއަރީ 21): ދެކުނު އަފްގާނިސްތާނުގެ ޕަކްޓިކާ ޕްރޮވިންސުގެ މަގެއް ކައިރީ ހިނގި ބޮން ގޮއްވުމުގެ ދެ ހާދިސާއެއްގައި 11 މީހަކު މަރުވެ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުރަތަމަ ބޮން ގޮވީ ކާބުލްއާ 175 ކިލޯ މީޓަރު ދުރުގައި އޮންނަ ވަޒާ ޚުވާ ޑިސްޓްރިކްޓުގެ މަގެއްގައި އޮތް ގޮވާޒާތުގެ އެއްޗެއްގެ މަތިން ކާރެއް ދުއްވުމުންނެވެ. އޭގެ ސަބަބުން ކާރު ދުއްވަން ހުރި މީހާއާއި ކާރުގައި ތިބި އަންހެނަކާއި ދެކުދިން މަރުވެ، އެ ސަރަހައްދުގައި ހުރި އެހެން މީހަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް ފަރާތަކުން ބުންޏެވެ.

ދެ ވަނަ ހާދިސާ ހިނގީ ސައިކަލެއް ދުއްވާފައި ދިޔަ ދެ މީހުންނަށް ގޮވާ ޒާތުގެ އެއްޗެއް މައްޗަށް އެރުމުން ކަމަށް ޕްރޮވިންޝަލް ކައުންސިލްގެ ޗެއާމަން، އަބްދުލް ޣަނީ ޕަކްޓިން ވިދާޅުވި އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ. ނަމަވެސް، އެސަރަހައްދުގައި އާއްމުކޮށް އެފަދަ ހަމަލާތަކުގެ ޒިންމާ ނަގަނީ އަފްގާނިސްތާނުގެ ތާލިބާނުންނެވެ.

ވަޒާ ޚުވާ ޑިސްޓްރިކްޓުގައި މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެއްއާއިލާއަކަށް ނިސްބަތްވާ ހަމީހަކު މަރުވި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނުނެވެ. (ޕްރެސްޓީވީ)