21 Feb 2016, 12:28
ސިޔާސީ ފަރާތްތަކުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކީ ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާ މަޝްވަރާގެ ދައުވަތަށްދޭ ރަސްމީ ޖަވާބެއްގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށް ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ "ސަން" އަށް މިއަދު ވިދާޅުވީ ޕޯޑިއަމްތަކުގައި ވާހަކަ ނުދައްކަވާ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަރާތްތަކުން ސަރުކާރަށް ޑިމާންޑުތައް ކުރަން ބޭނުން ނަމަ އެކަން މަޝްވަރާގެ މޭޒުގައި ކުރުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ފަހަރުގައި ވެސް ސަރުކާރުން މަޝްވަރާ ކުރައްވާނެ އެޖެންޑާއެއް ކަނޑައެޅި. މިފަހަރު ވަރަށް އޯޕަން އެޖެންޑާއެއް ދެއްތޯ މިއޮތީ. ރައީސް ޔާމީން މި ވިދާޅުވަނީ ކުށްވެރިންގެ ވާހަކަތައް ދައްކަވަން ވަޑައިނުގަންނަވާށޭ. އެކަމަކު ވަރަށް އޯޕަން އެޖެންޑާއެއް މިއޮތީ. ވަރަށް ފްލެކްސިބަލް މާހައުލެއްގައި ކުރިއަށް ދެވޭނެ މާހައުލު އެބައޮތް ސިޔާސީ ޕާޓީތަކަށް،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިހުލާސްތެރިކަމެއް އޮތް ކަމަށް ވަނީ ނަމަ ސަރުކާރުން ހުށަހަޅާފައިވާ މަޝްވަރާ ކުރުމުގެ ފުރުސަތުގައި ހިފާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ މަޝްވަރާގެ ފުރިހަމަ ބޭނުން ސިޔާސީ ޕާޓީތަކުން ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ. މަޝްވަރާގެ މޭޒަށް ވަޑައިގެން އެތަނުން ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަންވީ. މަޝްވަރާގެ މޭޒަށް ވަޑައިނުގެން ދެން އެ ދައްކަވާ ވާހަކަތަކަކީ ސަރުކާރަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން،" މުއާޒު ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާގެ ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީން ބުނީ ސަރުކާރާ އެކު ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް މިހާތަނަށް ގާއިމްކުރެވިފައި ނެތް ކަމަށެވެ. އަދި އިތުބާރު އޮތް މާހައުލެއް ސަރުކާރުން ގާއިމްކުރައްވަން ޖެހިވަޑައިގަންނަވާކަން އެ ދެ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް އެޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީން ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަން ހުށަހެޅި ކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ.