21 Feb 2016, 11:43
ހުޅުމާލެ ބީޗު ސަރަހައްދުން ބިޔަޅު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ތަކެތި ފެނިފައި ވަނީ ހުޅުމާލެ ބީޗު ސަރަހައްދުގައި ބިޔަރު ދަޅުތަކެއް ހުރި ކަމަށް މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބަލައި ފާސްކުރި އިރު ކަމަށެވެ.
ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން ގޮސް ކުރި މަސައްކަތުން އެސަރަހައްދުން ފަސް ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެ އެވެ.
ހުޅުމާލެ ބީޗު ސަރަހައްދުން ބިޔަރު ދަޅުތަކެއް ފެނިފައިވާ އިރު ރޭ ކާރަކުން މާލޭގެ މަގުތަކަށް ވަނީ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކައިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެން ދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ. އެކަންކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ގޭންގަކުންނެވެ.