މިއަހަރު ސީޒަންގައި ވެލެންސިއާގެ އެންމެ ބޮޑު އަމާޒަކީ ތައްޓެއް ހޯދުންކަމަށް ވެލެންސިއާގެ ކޯޗް މުޙައްމަދު އިޤްބާލް (އައިކިޔު) ބުނެފިއެވެ.

ވެލެންސިއާއިން އެންމެ ފަހުން ތައްޓެއް ހޯދާފައިވަނީ 2008 ވަނައަހަރުއެވެ.

އެއަހަރު ދިވެހި ލީގު ޗެމްޕިއަންކަން ހޯދިފަހުން ފުރަތަމަ ޑިވިޝަންގެ މުބާރާތެއްގެ ތައްޓެއް އެޓީމަށް ހޯދިފައެއް ނުވެއެވެ.

ޓާފް ދަނޑުގައި ރޭ ވެލެންސިއާއިން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަން ފެށުމުގެ ކުރިން 'ސަން' އަށް ދިން އިންޓަވިއުގައި ކޯޗު އިޤްބާލް ބުނީ މިއަހަރަށް ރަނގަޅު ޓީމެއް ތައްޔާރު ކުރެވިއްޖެ ކަމަށާއި އަދި ޓީމާ ގުޅޭ ބިދޭސީ ކުޅުންތެރިންނާއެކު ޓީމު އިތުރަށް ވަރުގަދާ ވާނެ ކަމަށެވެ.

"މިދިޔަ ހަތް ވަރަކަށް އަހަރު ވަރުގަދަ ކުޅުންތެރިޔަކު ނެތި ދިޔައީ. ނަމަވެސް މިހާރު ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގައި ކުޅޭ ކުޅުންތެރިން އެބަތިބި. އެހެންވެ މިފަހަރު ކުލަބު މެނޭޖުމެންޓުން އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮތީ ހުސްއަތާ ސީޒަން ނިންމާ ނުލުން،" އައިކިޔު ބުންޏެވެ.

މިހާރު ތިބި ކުޅުންތެރިނާއެކު ޓީމުގައި އިތުރަށް ރަނގަޅު ކުރަންޖެހޭ ޑިޕާޓްމެންޓަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ ރަނގަޅު ޑިފެންސަކާ މިޑްފީލްޑް ލައިނެއް މިހާރު އެބައޮތް ކަމަށާއި އިތުރަށް ފޯކަސް ކުރަންޖެހޭނީ އެޓޭކިން ޑިޕާޓްމެންޓަށް ކަމަށެވެ.

އެގޮތުން އަންނަ މަސް ތެރޭގައި ސްޕެއިންގެ ކުޅުންތެރިޔެއް ޓީމާ ގުޅޭނެ ކަމަށް އައިކިޔު ބުންޏެވެ.

ވެލެންސިއާގެ ސަޕޯޓަރުން މިދިޔަ ހަތް އަހަރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި އެހެންވެ ސަޕޯޓަރުންވެސް ޓީމާ ވަރަށް ބޮޑަށް ދުރަށް ދިޔަކަން އައިކިޔު ފާހަގަ ކުރިއެވެ.

"ކާމިޔާބެއް ހޯދިގެންތާ ސަޕޯޓަރުންތަކެއް ޓީމާއެކު ތިބޭނީވެސް. މިދިޔަ އަހަރު ވެލެންސިއާގެ ސަޕޯޓަރުން ތިބީ ޓީމާ ވަރަށް ދުރުގައި. އަދި މިފަހަރު ތައްޓަކާއެކު ސީޒަން ނިންމާލައި ސަޕޯޓަރުންނަށް އަލުން ހިނިތުންވުން ގެނެސްދީ، ސަޕޯޓަރުންނަކީ ކުލަބާ ގާތް ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް،" އައިކިޔު ބުންޏެވެ.

މިދިޔަ ސީޒަންގައި މިޔަންމާގެ ކޭބީޑެޒް އެފްސީއަށް ކުޅުމަށް ފަހު މިއަހަރު ވެލެންސިއާ އާ ގުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުޙަމްމަދު ޢާރިފް (ބަކާ) ބުނީ ވެލެންސިއާއަށް ތައްޓެއް ހޯދައިދިނުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މިސީޒަނަށް ޓީމާ ގުޅުނު ކުޅުންތެރިންނާއެކު މުޅި ޓީމު މެކްސިމަމް އެކަމަށް ދޭނެ ކަމަށެވެ.

"އެންމެ ފަހުންވެސް ވެލެންސިއާއަށް ތައްޓެއް ލިބުނު އިރު އަޅުގަނޑު ހުރިން ޓީމުގައި އެއީ މީގެ ހަތް އހަރު ކުރިން 2008 ވަނަ އަހަރުގެ ދިވެހި ލީގް. އެއަށްފަހު އަނެއްކާވެސް ވެލެންސިއާއަށް މިއައީ. އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް މިފަހަރު މިޓީމަށް ތައްޓެއް ހޯދައިދިނުން،" ބަކާ ބުންޏެވެ.