21 Feb 2016, 11:37
މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔްނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޖެންކާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި ދެ ބޭފުޅުން ބައްދަލުކުރެއްވިކަން ހާމަ ކުރި ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފުސީލެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. އެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދު ބައިވެރިވެޑައިގެންނެވި އެވެ.

ޖެންކާ ރާއްޖެ އަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭނާގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރައްވާނެ އެވެ.
ޖެންކާ ރާއްޖެ އަށް ވަޑައިގެންފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ދުނިޔޭގެ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އިނގިރޭސިވިލާތާއި އެމެރިކާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.