21 Feb 2016, 11:34
އިސްލާމްއާބާދު (ފެބްރުއަރީ 21): ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ޕާކިސްތާނުގެ ކުރީގެ ރައީސް، ޕަރްވޭޒް މުޝައްރަފް ހައްޔަރުކުރަން އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
މުޝައްރަފް ހައްޔަރު ކުރުމަށް ފަހު، މާޗު 16 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރަން އަމުރުކުރީ 2007 ވަނަ އަހަރު މަރާލި މުސްލިމް އިމާމެއްކަމަށްވާ، ގާޒީ އަބްދުލް ރަޝީދުގެ މަރާ ގުޅިގެން ހިނގަމުންދާ ޝަރީއަތަށެވެ.
ޖުލައި 2007ގައި އިސްލާމްއާބާދުގެ ލާލް މަސްޖިދުގައި ތިބެގެން ޕާކިސްތާނުގައި ޝަރީއާ ގާނޫނު ގާއިމު ކުރުމަށާއި ސަރުކާރު ވައްޓާލުމަށް ގޮވަމުން ދިޔަ މީހުންނާއި، އޭރު ރައީސްކަމުގައި ހުންނެވި މުޝައްރަފްގެ ސިފައިންނާ ދެމެދު ތިން ދުވަސްވަންދެން ހިނގި ހަމަނުޖެހުންތަކުގައި ރަޝީދުގެ އިތުރުން 153 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ރަޝީދުގެ ބޭބެ އަބްދުލް އަޒީޒު ހިމެނުނެވެ.
މީގެ ކުރިން މުޝައްރަފް ވަނީ އެ މައްސަލައިގެ ޝަރީއަތަށް ހާޒިރުނުވުމުގެ ހުއްދައަށް ކޯޓުގެ ފަރާތުން އެދިފަ އެވެ. ނަމަވެސް، ކޯޓުން ވަނީ ހުއްދަ ދިނުމަށް ދެކޮޅުހަދައިފަ އެވެ. އަދި، މުޝައްރަފް ބޭރު ގައުމުތަކަށް ދަތުރުކުރުން ވެސް ކޯޓުން ވަނީ މަނާކޮށްފަ އެވެ. (އައިއޭއެންއެސް)