21 Feb 2016, 11:16
ކްރިކެޓް ބޯޑުން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އަތޮޅު ތެރޭގެ ރަށްރަށަށް ކްރިކެޓް ތައާރަފް ކުރުމަށް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޙަސަން ދީދީ ވިދާޅުވެއްޖެއެވެ.
ކްރިކެޓްބޯޑްގެ އަހަރީ ޢާންމު ކޮންގްރެސްއަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން އަހްމަދު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ކްރިކެޓް ރޫހް އުފެދެމުން އަންނަ ކަމަށާއި އެގޮތުން ހއ. ކެލާއިން އިން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"ކެލާ ގައި އެބައޮތް ރަނގަޅު ގުރައުންޑެއްވެސް. އަދި އެރަށުން ވަނީ ވަރަށް ބޮޑަށް އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައި. އެހެން ރަށްރަށުގައިވެސް ކްރިކެޓް ކުޅޭނެ ޖާގަ އޮވެފައި އެކަމަށް ޝައުޤުވެރިވާ ބަޔަކު ތިބޭނަމަ. ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ކްރިކެޓް ހަރަކާތްތައް ހިންގާނަން،" އަޙްމަދު ޙަސަން ދީދީ ވިދާޅުވިއެވެ.
އޭނާ ވިދަޅުވީ، ރޫރަލް އޭރިއާތަކަށް ކްރިކެޓް ގެންދިއުމަކީ އޭޝިއަން ކްރިކެޓް ކައުންސިލުން ޚާއްސަ އިސްކަމެއް ދޭކަމެއް ކަމަށެވެ.
މިއަހަރު ލ. ކުނަހަންދޫގައި އަޅަމުންދާ ކްރިކެޓް ދަނޑުގެ މަސައްކަތް ނިމި އެ ދަނޑުގައި މުބާރާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަހަރު ބަޖެޓްގައިވެސް އެންމެ ބޮޑު އިސްކަމެއް ދިފައިވަނީ އިންފްރާސްޓަރަކްޗާ ތަރައްޤި ކުރުމަށް ކަމަށެވެ. އެގޮތުން މާލޭގެ އިންޑޯ ކްރިކެޓް ހޯލްގެ މަސައްކަތްވެސް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ.