21 Feb 2016, 11:58
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ހަލްސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުވެ ނިމުނުއިރު އާސެނަލްގެ ކޯޗު އާސެން ވެންގާ ހަލްސިޓީގެ ގޯލު ކީޕަރަށް ތައުރީފްކޮށް ވާހަކަ ދައްކައިފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އެ މެޗުގައި އާސެނަލްއަށް ނަތީޖާ އަނބުރާލުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށާއި ނަމަވެސް ހަލްސިޓީގެ ކީޕަރު އެލްޑިން ޔަކުޕޮވިޗްގެ ހުޝިޔާރު ކަމުން ގޯލެއް ކާމިޔާބު ނުކުރެވުނީ ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް ހަލް ސިޓީގެ ކީޕަރުގެ ހުޝިޔާރު ކަމުން އަހަރެމެން އެ މެޗުން މޮޅުނުވެވުނީ. ނަމަވެސް އެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު އާސެނަލް އިން. 20 އަށް ވުރެން ގިނަ ޝޮޓް ގޯލަށް ވާނީ ފޮނުވާލާފަ،" ވެންގާ ބުންޏެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ހަލްސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޗެމްޕިއަންސް ލީގްގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުން އާސެނަލް އިން ރޭގެ މެޗުގައި ވަނީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފެއެވެ.
ނަމަވެސް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެމެޗުގައި އާސެނަލްގެ ޑެނީ ވެލްބެކާއި ތިއޯ ވޮލްކޮޓް އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
އެ މުބާރާތުގެ އެންމެ ފަހު ދެ އަހަރުގައި ވެސް ޗެމްޕިއަންކަން ނަގާފައިވާ އާސެނަލް އަށް ހަތަރު ވަނަ ބުރަށް ދަތުރުކުރެވޭނީ ދެވަނަ ލެގްގައި ހަލްސިޓީގެ ދަނޑުގައި ކުޅޭ މެޗު ކާމިޔާބް ކޮށްގެންނެވެ.