މަދުރަސާތަކުގައި ކިޔަވައިދެމުން އަންނަ ދިވެހި ބަސް ކުށަކާއި ނުލައި ކިޔަވައި ދެއްވުމަށް ދިވެހި ބަހުގެ އެކަޑެމީ އިން މުދައްރިސުންނަށް އިލްތިމާސްކޮށްފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މާދަރީބަހަށްދޭ އިސްކަން މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށާއި ހާއްސަކޮށް ސްކޫލުތަކުގައި ކިޔަވައިދެވޭ ބަހަކީ ކުށެއް ނެތް "ސާފުބަހެއް" ކަމަށް ހެދިގެން ނޫނީ މުސްތަގުބަލުގައި ސާފު ރީތިކޮށް ބަސް ބޭނުން ކުރުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ.

"މަދުރަސާތަކުން ކިޔަވައިދެވޭ ދިވެހި ބަހަކީ ކުށެއް ނެތް ސާފު ދިވެހި ބަހެއްގެ ގޮތުގައި ހައްދަވައިދެއްވުން [އަޅުގަނޑުމެން އެދެނީ]. އޭރުން މީޑިއާތަކުގައި ވެސް ކުށްލިޔުން ނުފެންނާނެ މުސްތަގުބަލެއްގައި." އަޝްރަފް ވިދާޅުވި އެވެ.

މުސްތަގުބަލަށް ބަސް ހެޔޮގޮތުގައި ބޭނުން ކުރުމަށް ދިވެހި ބަސް ޖީލުން ޖީލަށް ވާރުތަކުރުމަށް އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އަޝްރަފް ގޮވާލެއްވި އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ގިނަ ގުނަ ހަރަކާތްތަކެއް ސްކޫލުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ. އެގޮތުން މިހަފްތާ އިން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި ފިލާވަޅުތައް ބައްޓަންވެފައި އޮންނާނީ މާދަރީ ބަހުގެ މައްޗަށް އަމާޒު ކަނޑައަޅައިގެން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމަށް ޔުނެސްކޯ އިން ކަނޑައަޅާފައިވާ ޝިއާރުގައި ބުނަނީ ފެންވަރު ރަނގަޅު ތައުލީމަކަށް ބޭނުންވާ ނަތީޖާ ނެރުމަށް މައިގަނޑު އަސާސަށް ވެސް އެންމެ މުހިންމީ އެބައެއްގެ މާދަރީ ބަހުގެ މައްޗަށް ބިނާކުރުން ކަމަށެވެ.