21 Feb 2016, 11:12
ރޭ ފަތިހު ގއ. ކޫއްޑޫ ފުއްޓަރު ފަރާތަށް ލަނޑާނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ބޮޑުދުނބުރިގެ، އަބްދުﷲ ރަޝީދު އަލީ،32، ކަމަށެވެ. އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ސްވިމް ސޫޓެއް ކަމަށާއި އަދި އޭނާ ހުރީ ފެހިކުލައިގެ ފިންސަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އޭނާ ހުރީ އެލުމިނިއަމް ކުލައިގެ ފުޅިއެއް އަޅައިގެން ކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އަބްދުﷲ ރަޝީދު އަލީ މޫދަށް ފޭބުމަށް ފަހު މިސްރާބު ޖަހާފައި ވަނީ ގއ. ވިލިގިއްޔާ ދިމާއަށް ކަމަށް އޭނާ އާ އެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން މައަލޫމާތު ދީފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދު އަލީ ގެއްލިފައިވާ ކަމުގެ މައަލޫމާތު މިއަދު ހެނދުނު 7:15 އެހާކަންހާއިރު ފުލުހުންނަށް ލިބުމާ އެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާ ފުލުހުން މައަލޫމާތުދޭ ގޮތުގައި އެ ސަރަހައްދުގެ އޮއި ހުރީ އަތޮޅުގެ އެތެރެވަރިއަށްވާ ގޮތަށެވެ. އަދި އެދިމާލުގެ އޮއި ހުރީ ވިލިނގިއްޔާ ދިމާއަށެވެ.
އަބްދުﷲ ރަޝީދު އަލީ ގެއްލިފައިވާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފި ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރެއްވުން އެދޭ ކަމަށް ފުލުހުން ބުންޏެވެ.