21 Feb 2016, 10:24
ވޮޝިންޓަން (ފެބްރުއަރީ 21): އެމެރިކާގެ ސައުތު ކެރޮލީނާގައި އިއްޔެ ބޭއްވި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީން ޑޮނަލްޑް ޓްރަމްޕް ކުރިހޯއްދަވައިފި އެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް ޑަބްލިއު ބުޝްގެ ކޮއްކޯފުޅު، ޖެބް ބުޝްއަށް އިއްޔެ އޮތް ޕްރައިމަރީން ހަތަރު ވަނަ ލިބިވަޑައިގަތުމުން، އޭނާ ވަނީ ރިޔާސީ ރޭހުން ވަކިވެޑައިގެންފަ އެވެ.
"މިގައުމު އެއްބައި ކުރުމަށް ޓަކައި އަޅުގަނޑުމެން ހިންގި ކެމްޕެއިނާ މެދު އަޅުގަނޑު ފަހުރުވެރިވޭ. އަޔޯވާއާއި ނިއު ހެމްޕްޝަޔާއާއި ސައުތް ކެރޮލީނާގެ ރައްޔިތުން ވަނީ [އެމީހުން ބޭނުންވާގޮތް] ބުނެދީފައި. އަދި އެނިންމުމަށް އަޅުގަނޑު އިހުތިރާމް ކުރަން،" ތިން ސްޓޭޓުގެ ޕްރައިމަރީން ވެސް ނާކާމިޔާބުވި ޖެބް ބުޝް ވިދާޅުވި އެވެ.
ޖެބް ބުޝް ރިޔާސީ ރޭހުން ވަކިވެޑައިގަތުމުން ޓްރަމްޕް ވަނީ "ރައީސް ކަމަށް ވާދަކުރުމަކީ ފަސޭހަ ކަމެއްނޫން" ކަމަށާއި "ނަމަވެސް މޮޅުވެއްޖެ ނަމަ އެއީ ވަރަށް ރީތި ކަމެއް" ކަމަށް ވިދާޅުވެފަ އެވެ. ބިލިއަނަރު ޓްރަމްޕް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 32.5 ޕަސެންޓް ވޯޓުންނެވެ. ޕްރައިމަރީގެ ދެވަނައާއި ތިން ވަނަ އަށް ދިޔައީ ފްލޮރިޑާގެ ސެނެޓާ މާކޯ ރޫބިއޯއާއި ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒް އެވެ.
މީގެ ކުރިން އަޔޯވާއާއި ނިއު ހެމްޕްޝަޔާގައި އޮތް ޕްރައިމަރީތަކުގައި، އަޔޯވާ އިން ކުރި ހޯއްދެވީ ޓެޑް ކްރޫޒް އެވެ. ނިއު ހެމްޕްޝަޔާއިން ކުރި ހޯއްދެވީ ޑޮނަލްޑް ޓްރަމްޕެވެ.

ނެވަޑާ ސްޓޭޓްގައި އޮތް ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީން ކުރި ހޯއްދެވީ ހިލަރީ ކްލިންޓަން -- ފޮޓޯ: އޭއެފްޕީ
ރިޕަބްލިކަން ޕާޓީން ސައުތު ކެރޮލީނާގައި ޕްރައިމަރީ ބޭއްވި އިރު ޑިމޮކްރަޓިކް ޕާޓީން ވަނީ ނެވަޑާގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވާފަ އެވެ. އެއިންތިހާބުން ކުރި ހޯއްދެވީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެވެ. ދެވަނަ އަށް ދިޔައީ ވާމަންޓްގެ ސެނެޓާ، ބާނީ ސޭންޑާސް އެވެ. (ނޫސްއޭޖެންސީތައް)