ތާރު އެޅުމަށް ބޭނުންކުރާ މެޝިނު ހަލާކުވުމުގެ ސަބަބުން ތ. ވިލުފުށި މަގުތަކުގައި ތާރު އެޅުމަށް ނިންމަން ކަނޑައެޅި ދުވަހަށް މަސައްކަތް ނިންމާ ނުލެވުނު ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން މިއަދު ބުނެފި އެވެ.

އެމްއާރްޑީސީގެ ވިލުފުށީ ސައިޓް މެނޭޖަރު މުހައްމަދު ނާއިލް "ސަން"އަށް މިއަދު ވިދާޅުވީ ވިލުފުށި އެންމެ މަގެއްގައި ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅާ ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނުނިމި އޮތް މަގުގެ ވެސް ދެބައިކޮށްފައި އެއްބައި ތާރު އަޅާފައިވާ ކަމަށެވެ.

"މަގުގެ އެއްބައިގައި ތާރު ނޭޅި މިއޮތީ. އެހެން މިވީ މެޝިނަށް ދިމާވި މައްސަލައަކުން. އެހެން ނޫން ނަމަ މިދިޔަ ބުރާސްފަތި ދުވަހު އެ މަސައްކަތް ނިންމާލެވުނީސްކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--

ވިލުފުށި ނުވަ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ ވިލުފުށި އިތުރު ތިން މަގެއްގައި ތާރު އެޅުމަށް ހަވާލުކޮށްފަ އެވެ.

ވިލުފުށީ 4.22 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް، އޮގަސްޓް 5، 2013، އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަނީ ހޭދަވެފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގއ. ވިލިގިނލީގައި ހަ ކިލޯ މީޓަރުގެ މަގާއި ގދ. ތިނަދޫގައި އަށް ކިލޯ މީޓަރުގެ މަގާއި ދ. ކުޑަހުވަދޫގައި ހަ ކިލޯ މީޓަރުގެ މަގާއި ހއ. ދިއްދޫގައި ހަތަރު ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.