ސްޕެނިޝް ލީގްގައި ލަސް ޕަލްމަސްގެ މައްޗަށް 1-2ގެ ނަތީޖާ އިން ކުރި ހޯދައިގެން ލީގު ތާވަލުގެ އެއްވަނާގައި ބާސެލޯނާއިން ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެ މޮޅާއެކު ބާސާއަށް ލީގްގެ އެއް ވަނަ ލިބެނީ 63 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 54 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތް އިރު ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 53 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ލަސް ޕަލްމަސް އޮތީ 21 ޕޮއިންޓާ އެކު 18 ވަނައިގައެވެ.

ސްޕެނިޝް ލީގްގައި ރޭ ލަސް ޕަލްމަސް އާއި ބާސާ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ލަސް ޕަލްމަސްގެ ކުޅުންތެރިއެއް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ލަސް ޕަލްމަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ހަ ވަނަ މިނެޓްގައި ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ލީޑްނަގައިދީފައެވެ. ސުއަރޭޒްގެ އެ ގޯލާއި އެކު ޖުމްލަ 25 ގޯލު ކާމިޔާބް ކޮށް ގެން ލަނޑު ލިސްޓްގެ ކުރީގައި އޮތީ ވެސް އޭނާއެވެ.

ބާސާއިން ލީޑުނެގިތާ ހަތަރު މިނެޓްފަހުން ލަސް ޕަލްމަސް އިން ވަނީ ގޯލެއް ކާމިޔާބު ކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަން ޖޯސް އެވެ.

ބާސާ އަށް އެ މެޗުގައި ދެވަނަަ ފަހަރަށް ލީޑް ލިބިގެން ދިޔައީ 39 ވަނަ މިނެޓްގައި ނޭމާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފްގައި ވެސް އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ސްޕެނިޝް ލީގްގައި ރޭ ލަސް ޕަލްމަސް އާއި ބާސާ ކުޅުނު މެޗުގައި ނޭމާ ލަސް ޕަލްމަސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ އެހެން މެޗުތަކާ އަޅައިބަލާއިރު އެ މެޗުގައި ބާސާގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެއް ކަމަށާއި ދުވަހެއް ދުވަހަކަށް ބާސާގެ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"ދެވަނަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް އެ ހާފްގައި ވެސް ވަރަށް ރަނގަޅަށް ބާސާ ވަނީ ކުޅެފަ. އެހެންނޫން ނަމަ ލަސް ޕަލްމަސްއިން ނަތީޖާ އެއްވަރު ކުރީސް،" އެންރިކޭ ބުންޏެވެ.

ބާސާއަށް ދެން އެންމެ އަވަހަށް މެެޗެއް އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.