ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އެމައްސަލައާ ގުޅިގެން ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ކާރެއް ބެލުމުގެ ދަށަށް ގެނެސް އެކަން ކުރި ފަރާތްތައް ހޯދުމަށް އޮޕަރޭޝަން ދަނީ ކުރިއަށް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަގު މައްޗަށް އުކާލި ފުޅިތައް ތެޅިފައި ހުރުމުން، މަގު ސާފު ކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް ރޭ އުކާފައިވާއިރު އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.

ރޭ ވަނީ މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާ އުކާފައެވެ. ސަން އަށް އެނގިފައިވާގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެންދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ. އެކަންކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ގޭންގަކުންނެވެ.