21 Feb 2016, 09:34
ސުވާ (ފެބްރުއަރީ 21):ފިޖީގެ ފަހުގެ ތާރީޚުގައި އެގައުމަށް ކުރިމަތިވާ އެންމެ ބޮޑު ތޫފާނަށް ތައްޔާރުވުމުގެ ގޮތުން އެގައުމުގެ އެއްގަމާއި ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނެސް ގޭގައި ތިބުމަށް އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ފިޖީގެ ބޮޑުވަޒީރު ފްރަންކް ބައިނިމާރާމާ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވީ ވިންސްޓަންގެ ނަމުން ނަންދީފައިވާ މި ތޫފާނާ ކުރިމަތިލުމަށް ތައްޔާރުވުމަށެވެ. އަދި މިތޫފާނުގެ ސަބަބުން ކުރިމަތިވެދާނެ ކޮންމެ ކާރިސާއަކަށްވެސް ކެތްތެރިވުމަށާއި ސަރުކާރުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ފިޖީގެ ބޮޑުވަޒީރު، ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.
ފިޖީގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާގޮތުގައި ތޫފާނުގެ ވައި 230 ކިލޯމީޓަރާއި 320 ކިލޯމީޓަރުގެ ބާރުމިނުގައި އަންނާނެކަމަށް ބެލެވޭކަމުގައެވެ.
އެމެރިކާގެ ތޫފާންތަކާބެހޭ މަރުކަޒުންވަނީ ވިންސްޓަންގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ވައި މިހާރު ހުރީ ގަޑިއަކު 260 ކިލޯމީޓަރުގެ ބާރުމިނުގައިކަން ހާމަކޮށްފައެވެ. މިބާރުމިނުގައި އެތޫފާން ފިޖީއަށް އަރައިފިނަމަ އެގައުމުގެ އެތަށް ލައްކަ ބަޔަކު ހާލުގައިޖެހި އިމާރާތްތައް ފުނޑުފުނޑުވެ އިންފްރާސްޓްރަކްޗަރ ވަރަށްބޮޑަށް ހަލާކުވެގެންދާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ނުވަލައްކަ މީހުންގެ އާބާދީ އެއް އޮންނަ ފިޖީއަކީ ފެސިފިކް ކަނޑުގެ ދެކުނުގައި އޮސްޓްރޭލިޔާގެ ކައިރީގައި އޮންނަ ގައުމެކެވެ. ދެކުނު ފެސިފިކްގެ ގައުމުތަކަކީ ތޫފާންތައް އަންނަ ސަރަހައްދެކެވެ. އަދި ފިޖީއަކީވެސް މަދުމަދުން ތޫފާންތައް އަރާގައުމެވެ. ވިންސްޓަންގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ ފަހުގެ ތާރީޚެއްގައި އެގައުމަށް އަރާ އެންމެ ބާރުގަދަ ތޫފާންކަމަށް ވަނީ ބެލެވިފައެވެ. މިތޫފާންގެ އަސަރު މިހާރުވަނީ އަވަށްޓެރި ޓޮންގާއަށް ކޮށްފައެވެ. (އަލްޖަޒީރާ)