21 Feb 2016, 09:13
ދިމިޝްގު (ފެބްރުއަރީ 21): ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލަން ތައްޔާރަށް ހުންނެވިކަމަށް އެގައުމުގެ ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެއެވެ. ނަމަވެސް ބައްޝާރު ވިދާޅުވީ ޙަމަލާތައް ހުއްޓާލެވޭނީ އެކަމުގެ ނާޖާއިޒު ފައިދާ ޓެރަރިސްޓް ޖަމާއަތުން ނުނަގާނެކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުން ކަމުގައެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސޫރިޔާ ސަރުކާރުން ސިފަކުރަނީ ބޭރު ގައުމުތަކުގެ އެހީ ލިބިގެން އެގައުމުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ އިތުރުން އައިއެސް ޖަމާއަތަށާއި ޖަބްހަތުއްނުސްރާ ޖަމާއަތަށެވެ.
ނަމަވެސް ދުނިޔޭގެ ގައުމުތަކުންނާ އަދި ބައިނަލްއަގްވާމީ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރަނީ އައިއެސް ޖަމާއަތަށާއި ޖަބްހަތުއްނުސްރާ ޖަމާއަތަށެވެ. ބޭރުގެ އެހީ ލިބިގެން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަކީ ސޫރިޔާގައި ޝަރުއީ ހަނގުރާމައެއްކުރާ ޖަމާއަތްތަކެއް ކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ދެކެއެވެ.
ބައްޝާރާ ހަވާލާދީ ސޫރިޔާގެ ރިޔާސަތުގެ ވެބްސައިޓް ބުނާގޮތުން ބައްޝާރު ހުންނެވީ މިދިޔަ ހަފްތާގައި އެމެރިކާއާއި ރަޝިޔާއިން މިޔުނިކްގައި އެއްބަސްވެފައިވާ ގޮތަށް ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމަށާއި އަދި ހާލުގައިޖެހިފައިވާ މީހުންތިބި ސޫރިޔާގެ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ފޯރުކޮށްދިނުމުގެ ފުރްސަތު ދިނުމަށާއި އަދި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލަންވެސް ތައްޔާރަށެވެ.
މީގެއިތުރުން ސޫރިޔާ ބޭނުންވާ ބައިނަލްއަގްވާމީ ގެރެންޓީތައް ލިބިއްޖެނަމަ ސޫރިޔާ ސިފައިންގެ އަތްދަށުގައިވާ އިދިކޮޅު ޖަމާއަތްތަކުގެ އަސީރުން މިނިވަންކުރަން ތައްޔާރަށް ހުންނެވިކަމަށް ބައްޝާރު ވިދާޅުވާކަމަށް ސޫރިޔާގެ ރިޔާސަތުގެ ވެބްސައިޓް ބުނެއެވެ.
ބައްޝާރު މިހެން ވިދާޅުވެފައިމިވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިދިކޮޅު ޖަމާއަތްތައް ތައްޔާރަށް ތިބިކަން އިދިކޮޅު ޖަމާއަތްތަކުގެ ފަރާތުން ވާހަކަ ދައްކަވާ ތަރްޖަމާން ރިޔާޒް ޙިޖާބް ވިދާޅުވެފައި ވަނިކޮށެވެ.
ހިޖާބް ވިދާޅުވީ، އެމެރިކާއާއި ރަޝިޔާގެ ބެލުމުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށާއި އަސީރުން މިނިވަން ކުރުމަށާއި އަދި ހާލުގައިޖެހިފައިވާ މީހުންތިބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ފޯރުކޮށްދިނުމުގެ ފުރްސަތު ދިނުމަށް ބައްޝާރުގެ ސަރުކާރުން އެއްބަސްވާނަމަ އިދިކޮޅު ޖަމާއަތްތައް ތިބީ ޙަމަލާތައް ހުއްޓާލަން ތައްޔާރަށް ކަމުގައެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް މިޔުނިކްގައި އެއްބަސްވެ ވަޑައިގެންފައިވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޙަމަލާތައް ހަފްތާއެއްގެ ތެރޭގައި ހުއްޓުމަކަށް ގެނެވޭތޯ އެދެގައުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަށެވެ. ނަމަވެސް ޙަމަލާތައް ހުއްޓާލުގެ އެއްބަސްވުމުން އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތް އިސްތިސްނާ ވާނެކަމަށާއި މިދެ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތައް ކުރިޔަށް ގެންދާނެކަމަށް އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައިވެއެވެ.
ޙަމަލާތައް ހުއްޓާލާނެކަމަށް ބައްޝާރުގެ ސަރުކާރުންނާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ބުނެފައި މިވަނީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން އެގައުމުގެ އުތުރުގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ވިއްސަކަށް ސަރަހައްދު އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ވަނިކޮށެވެ.
ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނައި ސަރަހައްދުތަކުގެ ތެރޭގައި އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ ބައެއް ސަރަހައްދުތައްވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. (އަލްޖަޒީރާ)