21 Feb 2016, 09:21
އެމެރިކާގެ ސެން ބާނަޑީނޯގައި ބަޑި ޖަހައި 14 މީހަކު މަރާލި ސައިދް ރިޒްވާން ފާރޫގްގެ ފޯނު ހުޅުވުމުގައި އެޕަލް އިން އެފްބީއައި އަށް އެހީވާން އެގައުމުގެ ކޯޓަކުން ކުރި އަމުރަށް ތަބާވެވެން ނެތް ކަމަށް އެޕަލްއިން ބުނެފައިވާ އިރު، އެ ފޯނު ހުޅުވައިދޭން އެހީވެދޭނެ ކަމަށް މަޝްހޫރު އިންޓަނެޓް ސެކިއުރިޓީ ސޮފްޓްވެއާ ކުންފުނި "މެކްއަފީ"ގެ ރައީސް ހާމަކޮށްފި އެވެ.
"އިންޓެލް ސެކިއުރިޓީ"ގެ ނަމުން މިހާރު ހިންގާ ކުރީގެ މެކްއަފީ އިންޓަނެޓް ސެކިއުރިޓީގެ ރައީސް ޖޯން މެކްއަފީ ބުނީ، ސައިދް ފާރޫގްގެ ފޯނު ހުޅުވުމަށް އޭނާ އެހީތެރިވެދޭނެ ކަމަށާއި މިކަމަށް އެއްވެސް އަގެއް ނަގަން ބޭނުން ނުވާ ކަމަށެވެ.
އޭނާ މިހެން ބުނެފައި ވަނީ، ބިޒްނަސް އިންސައިޑާ ނޫހަށް އޭނާ ލިޔުނު ލިޔުމެއްގަ އެވެ.
ޖޯން މެކްއަފީއަކީ، އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ލިބަޓޭރިއަން ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ފޯނު ހުޅުވައިދިނުމަށް އޭނާ އެފްބީއައިއަށް އެހީތެރިވެދޭނެ ކަމަށް ބުނެފައި މި ވަނީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އޭނާ ކެމްޕޭން ކުރަމުންދާ ދަނޑިވަޅުގަ އެވެ.
"މިކަމަށް އަހަރެމެންނަށް ނަގާނީ ޖުމްލަ ތިން ހަފްތާ އެކަނި،" އޭނާގެ ލިޔުމުގައި ބުނެފައިވެ އެވެ.
އެފްބީއައި އިން ބުނެފައި ވަނީ ފާރޫގުގެ ފޯނުގައި މުހިއްމު މައުލޫމާތުތަކެއްވާ ކަމަށެވެ. ނަމަވެސް، ފޯނުގެ ޕާސްކޯޑު ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފައި ކަމަށެވެ. އައިފޯނު ސެކިއުރިޓީ ސޮފްޓެވެއާ ހަދާފައި ހުންނަ ގޮތުން ފޯނު ހުޅުވަން 10 ފަހަރު ނުބައި ޕާސްކޯޑް ޖަހައިފި ނަމަ ފޯނުގައި ހުރި ހުރިހާ މައުލޫމާތު ފޮހެވޭނެ އެވެ. އެހެންކަމުން، އެފްބީއައި އިން ވަނީ ދެކަމެއް ކޮށްދިނުމަށް އެޕަލްގެ ފަރާތުން އެދިފަ އެވެ.
ފުރަތަމަ ކަމަކަށް، ކިތަންމެ ގިނަ ފަހަރަކު ނުބައި ޕާސްކޯޑް ޖެހި ނަމަވެސް ފޯނުގައި ހުރި މައުލޫމާތު ނުފޮހެވޭ ގޮތަށް ފާރޫގުގެ އައިފޯނު ބަދަލު ކުރުމެވެ.
ދެވަނަ ކަމަކަށް، އެކި ފަހަރު މަތިން ޕާސްކޯޑު ޖެހުމުގެ ބަދަލުގައި އެއްފަހަރާ ތަފާތު ޕާސްކޯޑުތައް ޓެސްޓް ކުރެވޭނެ ގޮތަކަށް ފާރޫގުގެ ފޯނު ބަދަލު ކުރުމެވެ.
ފާރުގުގެ ފޯނުގައި ބޭނުންކޮށްފައި ވަނީ ހަތަރު ނަމްބަރުގެ ޕާސްކޯޑެކެވެ. އެހެންކަމުން ޕާސްކޯޑު ހެދޭނެ 10،000 ގޮތެއް އޮންނާނެ އެވެ.
"ސަރުކާރުން އެދެނީ އެތައް އަހަރުތަކުގެ މަސައްކަތުން ހެކަރުންނާއި ސައިބާކްރިމިނަލްސްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުން ރައްކާތެރި ކުރުމަށް ތަރައްގީކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް ހުރަސްކޮށްފައި އަޅުގަނޑުމެންގެ ޔޫޒާސް ހެކް ކުރަން،" އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ދެއްވި ބަޔާނެއްގައިވެ އެވެ.
މަސްދަރު: ބީބީސީ