21 Feb 2016, 10:02
ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމާ މެދު، އިނގިރޭސި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރުގެ ޖޫން މަހު ނަގާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިއުލާނު ކުރައްވައިފި އެވެ.
އިނގިރޭސި ސަރުކާރުގެ ކެބިނެޓާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވީ، މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު، އެ މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ.
ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވާން އެގައުމުން މަސައްކަތް ކުރަނީ، އެ އިއްތިހާދުގައި ދެމި ތިބުމަށް ވުރެ، އެ އިއްތިހާދާއި ވަކިން އިނގިރޭސި ވިލާތް ކުރި އަރާނެ ކަމަށް އެގައުމުން ގަބޫލު ކުރެވޭތީ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ވިލާތުގެ އިއްތިހާދުގައި މަޑު ނުކޮށް، ވަކިން ކުރި އަރަން މަސައްކަތް ކޮށްފި ނަމަ މިގައުމު ބާރުގަދަވެ، މާ ބޮޑަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް،" ކެމެރަން ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް އެ ގައުމުގެ ހޯމް ސެކްރެޓަރީ ތެރޭސާ މޭ ވިދާޅުވީ، ވިލާތުގެ އިއްތިހާދަކީ ފުރިހަމަ އިއްތިހާދަކަށް ނުވި ނަމަވެސް، ސަރަހައްދީ ސެކިއުރިޓީއާއި ޓެރަރިޒަމާއި ޖިނާއީ ކުށްތަކުން ސަލާމަތް ވުމަށާއި ދުނިޔޭގެ އެކިއެކި މާކެޓުތަކަށް އިނގިރޭސި ވިލާތަށް ފަސޭހައިން ވަދެވޭނެ ދޮރެއް ހޯދުމަށް އިއްތިހާދުގައި މަޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.