21 Feb 2016, 00:54
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައި އޭނާ އަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ގައުމީ ޓީމްގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) މިރޭ ހައްޔަރުކޮށްފި އެވެ.
މިރޭ 12:45 އެހައިކަންހާއިރު އަމީނީމަގު ހެޕީ މާކެޓު ކައިރިން އަޑުބަރޭ ހައްޔަރުކުރި މަންޒަރު ސަންގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ.
މަންޒަރު ފެނުނު ސަންގެ ނޫސްވެރިޔާ ބުނީ އަޑުބަރޭ ހައްޔަރުކުރީ ކޯޓު އަމުރު އޭނާ އަށް ދެއްކުމަށްފަހު ކަމަށެވެ.
ގާޒީ ބާރީގެ ފޮޓޯއެއް ނަގައި އޭނާ އަށް އިންޒާރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ ސޮއިކުރައްވައި ފުލުހުންނަށް ފޮނުވި ސިޓީއާއެކު ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު އަންގައިދޭ ފޮޓޯ އެއް ފުލުހުންނަށް ފޮނުވާފައި ވެއެވެ.
"ކަލޭގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭމެން ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯއެއް ނަގާނަމޭ،" ގާޒީ ބާރީއާ ދިމަލަށް އެމީހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގެ ސިޓީގައި ބުނެފައި ވެއެވެ.
އެ ސިޓީގައި ގާޒީ ބާރީ އެދިވަޑައިގެންފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.