21 Feb 2016, 09:00
މޯލްޑިވް ގޭސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅުވައިގެން ދެކެވޭ ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ.
އެ ކުންފުނީގެ ބައެއް ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އެގޮތުން އެ ކުންފުނިން ގޭހުގެ ހިދުމަތް ދެމުން ގެންދަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ހާއްސަ މިންގަނޑާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ހިދުމަތް ދިނުމުގައި ބޭނުންކުރާ ފުޅި އަކީވެސް ޓެސްޓު ކުރެވިގެން ނޫނީ، ހިދުމަތް ލިބިގަންނަ ފަރާތްތަކާ ހަމައަށް ނުގެންދާނެ އެއްޗެއް ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ.
"ވަކި ކަހަލަ މަގުސަދެއް ހާސިލް ކުރުމަށްޓަކައި މިފަދަ ހިދުމަތްތަކާ ބެހޭގޮތުން ރައްޔިތުންނަށް ދެމުންދާ މެސެޖުތަކާއި ފަތުރަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމަކަށް ވާތީ އެކަން ކުއްވެރި ކުރަމެވެ." އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
މޯލްޑިވް ގޭސް އިން ބަޔާނެއް ނެރެފައި މިވަނީ، "އެސްޓީއޯ އިން ގޭސް ގަންނައިރު އެންމެން ވެސް ސާމާލުވޭ. ރޭގަ ރައްޓެއްސެއްގެ ގޭގައި އިން ގޭސްފުޅިއެއްގެ ފޫބައި ވަކިވީ. މުޅި ގޭގައި ގޭސް، އެންމެން އިވެކުއޭޓް ކުރަން ޖެހުނީ...." މިފަދަ އިބާރާތަކުން މެސެޖެއް ލިޔެ ހުކުރު ދުވަހުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދައުކުރާން ފަށާފައި ވަނިކޮށެވެ.
މޯލްޑިވް ގޭސް އިން ބުނީ އެކުންފުނިން ދެމުން ގެންދާ ހިދުމަތާ މެދު އެއްވެސް ކަމެއް އޮޅުންފިލުވަން ބޭނުން ނަމަ، އެކުންފުނީގެ ނަންބަރު 1616 އަށް ގުޅާލުމުން ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.