25 Apr 2010, 16:59
19:00
އަދާލަތު ޕާޓީގެ ރައީސް ޝެއިޙް ހުސެއިން ރަޝީދު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުވުމަށް އަމުރެއް ނެރުނު މައްސަލައިގައި، މަދަނީ ކޯޓުގެ އިސް ޤާޒީގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހްޤީޤް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޮތަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ މަދަނީ ކޯޓުގެ އިސް ޤާޒީ މުހައްމަދު ނައީމްގެ މައްޗަށް ހުށަހެޅިފައިވާ އެ ދެ މައްސަލަ އަކީ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ބަލަމުން އަންނަ ދެ މައްސަލަ ކަމަށާއި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މަދަނީ ކޯޓުގެ ޤާޒީ މުހައްމަދު ނައީމް މިއަދު ވިދާޅުވީ އެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް ހުސެއިން ރަޝީދު އަހުމަދު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަނބުރުފުޅާ ބެހިވަޑައިގެން ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްގައި، ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން، ޤާނޫނީ ހަމަތަކުގެ މަތިން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މިދިޔަ އަހަރު ނެރެފައިވާ އަމުރެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ޝެއިޙް ހުސެއިން ރަޝީދު އަހުމަދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުއްވީ އެކަމުގައި ނައީމްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ ކަމަށް ވިދާޅުވެ ކަމަށެވެ. އަދި ދެވަނަ މައްސަލައަކީ ތިމަރަފުށީ ދާއިރާ މެންބަރ މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް އާރުކޭއެލް ގްރޫޕްގެ ފަރާތުން ކޮށްފައިވާ ދައުވާއެއްގެ މައްސަލަ ކަމަށާއި އެމައްސަލާގައި ވެސް މުސްތަފާ ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން އޭނާ ބަންދުގައި ބަހައްޓަވަން އަމުރެއް ނެރުއްވި މައްސަލަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ނައީމް އަދި ވިދާޅުވީ އެ ކަންތައްތައް އޭނާ ކުރައްވާފައި ވަނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށާއި ނަމަވެސް އެ ދެ މައްސަލަ ވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމުގައި ސިޔާސީ ކުލައެއް ޖެހިފައިވާ ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.