21 Feb 2016, 08:47
ގއ. ގެމަނަފުށި ފުއްޓަރު ފަރާތު ތޮށި މައްޗަށް ޑައިވިން ދޯންޏެއް އަރައިފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ތޮށި މައްޗަށް އަރާފައި ވަނީ އެ އަތޮޅު ހަޑަހާ ރިސޯޓުން ފަތުރުވެރިން ގޮވައިގެން ޑައިވިނަށް ދިޔަ ދޯންޏެކެވެ. އެ ދޯނި ތޮށި މައްޗަށް އަރާފައި ވަނީ އެ ސަރަހައްދުގައި އޮއި ބާރުވުމުގެ ސަބަބުން ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
ގެމަނަފުށި ކައުންސިލްގެ ޑިރެކްޓަރ މުހައްމަދު ޝިޔާމް ރޭ ސަން އަށް ވިދާޅުވީ ދޯނީގައި އަށް ފަތުރުވެރިން ތިބި ކަމަށާއި، އެންމެސް ތިބީ ޑައިވިނަށް ދާން ތައްޔާރުވެގެން ކަމުން ތޮށި މައްޗަށް ދޯނި އެރުމުގެ ކުރިން އެމީހުން މޫދަށް ފުންމާލާފައިވާ ކަމަށެވެ.

މިއަދު ހަވީރު ގެމަނަފުށީ ތޮށި މައްޗަށް އެރި ދޯނި ފުން ކުރުމަށް މަސައްކަތް ކުރަނީ -- ފޮޓޯ: ކައުންސިލް
ދޯނީގައި ތިބީ ޗައިނާ އަދި އިޓަލީގެ ފަތުރުވެރިންނެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ދޯނި ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ގެމަނަފުށި އަދި އެ އަތޮޅު ނިލަންދޫ ރައްޔިތުން މިހާރު ކުރަމުން އައި ނަމަވެސް އަދިވެސް ދޯނި ފުން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ކައުންސިލުން ބުނީ ތޮށި މައްޗަށް އެރުމުގެ ސަބަބުން ދޯނީގެ ބަނޑުފިލާ ގަނޑަށް ގެއްލުން ލިބި ދޯނީގެ ގެ ގަނޑުވެސް ގުޑާފައިވާ ކަމަށެވެ.
އެއީ ދިގުމިނުގައި 45 - 50 ފޫޓު ހުންނަ ދޯންޏެކެވެ.