20 Feb 2016, 22:55
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވެފައިވާ ހިޔާނާތް 3.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ، އޭނާ އޮޑިޓަރު ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިރު ކުރެއްވި ތަހުގީގުގައި ހިޔާނާތް ވެފައިވާ ކަމަށް ލަފާކުރެވުނު މިންވަރު މިހާރު ދެގުނަ އިތުރު ވެފައިވާ ކަމަށެވެ.
އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރްސީ އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައި ވަނީ 1.22 ބިލިޔަން ރުފިޔާ އެވެ. ނަމަވެސް ނިޔާޒު ވިދާޅުވީ އެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނިޔާޒު ވިދާޅުވީ ރަށްތައް ދޫކުރުމުގައި އުސޫލުތަކުގެ ތެރެއިން ދިޔަ ނަމަ، ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ ދެގުނަ އިތުރުވީސް ކަމަށެވެ.
"މިހާރު އޮޑިޓް އޮބްޒަވޭޝަންގައި ފާހަގަކޮށްފައި ހުރި އޮބްޒަވޭޝަންތަކަށް ބަލާއިރު ވެސް 2.8 ބިލިއަނަށް އަރާ. ހުރިހާ އެއްޗެއް ތަހުގީގު ކުރެވިގެން އެ އަދަދުތައް މީގެ ތެރޭގައި ހިމަނައިފިއްޔާ އަޅުގަނޑު އަންދާޒާ ކުރާނީ 3.5 ބިލިއަނަށް ވުރެ ކުޑަކޮށް މިއެއް ނުދާނެއޭ." އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައި ވަނީ އެންމެ މަތިން ފެށިގެން ވެސް އެކަން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރިން މައްސަލަ ބެލުނު ނަމަ، ހިޔާނާތުގެ މިންވަރު ކުޑަވީސް ކަމަށާއި އަދި މި ކަމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ޒިންމާ ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އޮޑިޓް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީ އާއި ޓޫއަރިޒަމް މިނިސްޓްރީ އިން ވެސް އެއްބާރުލުން ނުދީ މައުލޫމާތު ހިފެހެއްޓި ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތުން އިންޒާރު ވެސް ލިބުނު ކަމަށެވެ.
ނިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ފަހުން ވަދެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓުތަކަށާއި ބައެއް ވިޔަފާރިވެރިންގެ އެކައުންޓްތަކަށެވެ. ނަމަވެސް ރައީސް ޔާމީންގެ ދެ ކަނބަލުންގެ އެކައުންޓަކަށް ފައިސާ ވަދެފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.