20 Feb 2016, 22:44
'ކައްޓެޅި ފޯރި'ގެ ނަމުގައި އެލައިޑު އިންޝުއަރެންސުން ޏ. ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބޭއްވި ކައްޓެޅި ބޭނުމުގެ މުބާރާތުގެ އެއްވަނަ އަށް "މުށިމަސް" ޓީމު ހޮވިއްޖެ އެވެ.
މިއަދު ހަވީރު 4:00ގައި ފެށުނު މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
މުށިމަސް ޓީމުން މުބާރާތުގެ އެއް ވަނަ ހޯދާފައި ވަނީ 27 ކައްޓެޅި ބާނައިގެންނެވެ. އަދި 25 ކައްޓެޅި ބާނައިގެން ދެ ވަނަ އަށް ގޮސްފައި ވަނީ "ބާރަބާރަ" ޓީމެވެ. އަދި ތިން ވަނަ އަށް ގޮސްފައި ވަނީ 21 ކައްޓެޅި ބޭނި މަނާމް ޓީމެވެ.
އެ މުބާރާތުގެ އެއް ވަނަ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ ޓީމަކަށް 10،000 ރުފިޔާ، އަދި ތިން ވަނަ ޓީމަކަށް ހުށަހަޅާފައި ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެވެ. އެ އިނާމުތައް މިރޭ ވަނީ ހަވާލުކޮށްފަ އެވެ.
މުބާރާތުގެ ޗެމްޕިއަން ކަން ހޯދި މުށިމަސް ޓީމަށް އެލައިޑް އިންޝުއަރެންސް އިން ހުށަހެޅި 20000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ހަސަން މެރިންގެ ފަރާތުން ހުށަހެޅި ފަސް ހޯސްޕަވަރުގެ މާކިއުރީ އިންޖީނެއް ވެސް ރޭ ވަނީ އެއް ވަނަ އަށް ދިޔަ ޓީމަށް ހަވާލުކޮށްފަ އެވެ.

ކައްޓެޅި ވިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ރަށޮވެށި
ކައްޓެޅި މުބާރާތް ނިމުމާ އެކު މިހާރު ކައްޓެޅި ވިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކައްޓެޅި ގަތުމަށް ގިނަ އަދަދެއްގެ ބަޔަކު މާރުކޭޓަށް ވަނީ ޖަމާވެފަ އެވެ.
ކައްޓެޅި ބޭނުމުގެ މުބާރާތަކީ އެލައިޑުގެ ފަރާތުން ކުރިއަށް ގެންދާ ހަލް އިންޝުއަރެންސް ހިދުމަތާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި އަހަރު އެ މުބާރާތް އަލަށް ފަށާ އިރު މުބާރާތަށް ލިބޭ ތަރުހީބަށް ބަލާފައި ކޮންމެ އަހަރަކު ވެސް މި އަހަރަށް ވުރެ ފުޅާކޮށް ފުވައްމުލަކުގައި އެ މުބާރާތް ބާއްވާނެ ކަމަށް އެލައިޑުން ބުނެ އެވެ.