ސަރުކާރު ދެމި އޮންނަނީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް މަތީ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއްގެ ގޮތުގައި ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އިން އެހެން ބުނެފައި ވަނީ އަދާލަތު ޕާޓީން ރޭ ބޭއްވި ޖަލްސާގައި ސަރުކާރަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް ކުށްވެރިކޮށް އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އަދާލަތު ޕާޓީން ވަނީ މިއަދުގެ ސަރުކާރަކީ ދީނީ ކަންކަމަށް ހުރުމަތްތެރިކޮށް ނުހިތާ "ލާދީނީ" ސަރުކާރެއް ކަމުގައި ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.

މި ވާހަކަތަކަށް ރައްދުދީ ޕީޕީއެމުން ބުނެފައި ވަނީ ސަރުކާރުން ލާދީނީ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުކުރާނެ ކަމަށެވެ.

އަދި އަދާލަތުގެ ވާހަކަތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ހުދޫދުގެ ބޭރުން ބޭނުންކޮށް ހަގީގަތާ ހިލާފަށް ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ މަގުސަދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އަދާލަތުގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ޕީޕީއެމް އިން ވަނީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ގޮތުން ކަންކަން ރައްޔިތުންނަށް އޮޅުވާނުލައި، ހަގީގަތާ އެއްގޮތަށް ވާހަކަތައް ދެއްކުމަށް އަދާލަތު ޕާޓީއަށް ގޮވާލާފަ އެވެ.