20 Feb 2016, 19:44
ކުޅުންތެރިން ހޯދުމަށް ބޭއްވާ ޓްރެއަލްއާއެކު މިއަހަރު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީން ޕްރެކްޓިސް ފަށައިފި އެވެ.
މިއަދު ހަވީރު ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަންގައި 25 ކުޅުންތެރިޔަކު ވަނީ ޓްރެއަލްގައި ބައިވެރިވެފަ އެވެ.
ޓްރެއަލްގައި ބައިވެރިވި ކުޅުންތެރިންނާ ވިކްޓްރީން ކޮންޓްރެކްޓް ހަދާފައިވާ ކުޅުންތެރިން ޓެކްނިކަލް ފަރިތަކުރުންތައް ގެންދިޔައީ ވަކިންނެވެ.
ޕްރެކްޓިސްއަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗް މުޙައްމަދު ނަޒީހް ބުނީ އެ ޓީމުން ރަނގަޅު ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޓްރެއަލްއިން ފާހަގަ ކުރެވޭ އަށް ކުޅުންތެރިޔަކަށް އެޓީމުން ފުރުސަތު ދޭނެ ކަމަށެވެ.
ޓްރެއަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަތް ދުވަސް ވަންދެންނެވެ.
ވިކްޓްރީއާއި ގުޅޭ ބޭރު ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިޔަކު އަންނަ މަހު އެކެއްގައި އެ ޓީމާ ގުޅޭނެ ކަމަށާއި އޭޝިއާ ކުޅންތެރިޔާވެސް އަންނަ މަސްތެރޭގައި އައުމަށް ހަމަޖެހިފައިވާ ކަމަށް ނަޒީހް ބުންޏެވެ.

ނަޒީހް ވިކްޓްރީ ޕްރެކްޓިސްގައި ކުޅުންތެރިންަށް އިރުޝާދު ދެނީ --- ސަން ފޮޓޯ/ އޯޒޯން
އޭނާ ބުނީ ވިކްޓްރީގެ މިހާރުގެ މެނޭޖުމެންޓުން ޓާގެޓްތަކެއް ކަނޑައަޅާފައިވާ ކަމަށާއި މިހާރު އޮތް ސްކޮޑާއެކު ކުލަބުން އޭނާއާ ހަވާލުކޮށްފައި ވަނީ ގަދަ ހަތަރެއް ކަމަށް 2011 ވަނަ އަހަރު ގެ ސީޒަންގެ ބައެއްގައި ވެސް ވިކްޓްރީއަށް ކޯޗްކޮށްދިން ނަޒީހް ބުންޏެވެ.
އަދި އެޓާގެޓް ހާސިލު ކުރުމަށް ޓީމު އިތުރަށްވަރުގަދަ ކުރަންޖެހިއްޖެނަމަ ޓްރާންސްފާ ޕީރިއަޑްގައި ވެސް ކުޅުންތެރިން ގެންނައުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ބުންޏެވެ.