ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ބަހުން ފުރަތަމަ ފަހަރަށް އުފައްދާފައިވާ ކާޓޫނު "އައިދިން" މިއަދު ރިލީސް ކޮށްފި އެވެ.

ތިމާވެއްޓަށް ކުޑަކުދިން އަހުލުވެރި ކުރުވުމަށް ޔޫއެންޑީޕީ އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅީގެން އުފެއްދި ކާޓޫނު ރިލީސްކޮށްފައިވަނީ ޝްވެކު ސިނަމާގަ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު ވިދާޅުވީ، އަހަރުމެންނަށް ނޭނގި ނަމަވެސް ފަރުތަކަށް ގެއްލުން ދެވޭ ކަމަށާއި ފަރުތައް ރަނގަޅު ގޮތުގައި ދިރުވާ އާލާ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނޭނގި މޫދަށް އެޅޭ ކުނިތަކުން ފަރުތަކަށް ގެއްލުން ލިބޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޒަރޫރޫ ބޭނުން ފުއްދުމަށްޓަކައި މަސްވެރިން ގޮސް ފަރުތަކަށް ނަގިލި އެއްލާ،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތިމާވެށި ދިރުވާ އާލާ ކުރުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ، ކިޔަވާ ކުދިންނަށް އެކަންކަމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވިގެން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކިޔަވާ ކުދިންނަށް ތިމާވެށި ރައްކާކުރާނެ ރަނގަޅު ގޮތްތަކެއް ދަސްކޮށްދެވިއްޖެ ކަމުގައި ވާނަމަ، ތިކުދިން ތިމާވެށި ސަލާމަތްކުރުމުގައި ފުރިހަމަ އެެއްބާރުލުން ދީ، ވަށައިގެންވާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހަދާނެ،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ގެ ރަސްމިއްޔާތުގައި ކާޓޫނުގެ ޑީވީޑީ ވަނީ ޕަބްލިކު ސާވިސް މީޑިއާ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.