20 Feb 2016, 17:20
ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ގެއެއްގެ މަތިން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި ބިދޭސީއަކު ޒަހަމްވެއްޖެ އެވެ.
މޫކައި ހޮޓެލް ކައިރި، ދީފްރޭމް ގޯޅިގަނޑުގައި އިމާރާތް ކުރަމުންދިޔަ ގެއަކުން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި ޒަހަމްވި ބިދޭސީމީހާ މީހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:00 ގައި ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަންޒަރުދުއް މީހުން ބުނީ ޒަހަމްވި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ނޭވާ ނުލާ ކަމަށެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ބިދޭސީމީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ބޮލަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް އޮޕަރޭޝަން ތިއޭޓަރަަށް ވައްދާފައިވާ ކަމަށެވެ.