ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރަންޖެހޭ ކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އެއްބަސްވެވަޑައިގަންނަވާ ކަމަށް އިޔޫއިން ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު، ޑޭވިޑް ޑެލީ ވިދާޅުވެއްޖެ އެވެ.

ސަފީރު ޑެލީ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި އޭނާ ވިދާޅުވީ ފޮރިން ސެކްރެޓަރީ، ޑރ. އަލީ ނަސީރު މުހައްމަދާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އީޔޫއިން ރާއްޖެއަށް ހަމަޖައްސާފައިވާ ސަފީރު، ޑޭވިޑް ޑެލީ -- ފޮޓޯ: ޓްވިޓާ

މީގެ އިތުރުން ޑެލީ ވަނީ އެކަށީގެންވާ މަރުހަލާއަކާ ނުލައި ރާއްޖެއިން ސިޔާސީ ފަރާތްތަކަށް ހުކުމް ކުރަމުން ދިޔުން އާއްމުވެފައިވުމަކީ ރާއްޖެއަށް ރަނގަޅު ކަމެއް ނޫން ކަމަަށް ވިދާޅުވެފަ އެވެ. އެގޮތުން ޑެލީ ވަނީ ކާނަލް ނާޒިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝެއިހް އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ފާހަގަކޮށްފަ އެވެ.

އަދި ވީހާވެސް އަވަހަށް ސިޔާސީ ޕާޓީތަކުން ވާހަކަދެއްކުންތައް ބޭއްވުން މުހިއްމު ކަމަށް ޑެލީ ފާހަގަކުރެއްވި އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ "ދެފުށްފެންނަ ގޮތަށް" ރާއްޖޭގައި ސިޔާސީ މަޝްވަރާކުރުންތައް ބޭއްވުމަށް ގޮވާލައްވާފަ އެވެ.