21 Feb 2016, 09:04
ނިދަން އޮށްވައި ކުއްލިއަކަށް ހޭލެވެނީ އެބިރުވެރި މަންޒަރު ސިފަވެގެންނެވެ. އެންމެ އުފާވެރި ވަގުތުތަކުގައި ވެސް އެހަނދާންވާއިރަށް މީހާ މާޔޫސްވެ ފަހަތައް ޖެހެވެ އެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރެވެ އެވެ. ދުނިޔެމަތިން ފޫހިވެ އެވެ. މިއީ އުމުރުން އަށް އަހަރުގައި ޖިންސީ އަނިޔާ ލިބިފައިވާ އަންހެންކުއްޖެގެ ހާލަތެވެ. އޭނާގެ އުމުރުން މިހާރު 31 އަހަރެވެ. މީގެ 23 އަހަރު ކުރިން ހިނގާފައިވާ އެ ރަހުމުކުޑަ އަމަލަކީ މިހާރު ވެސް އޭނާގެ މުޅި ދިރިއުޅުން މާޔޫސްކޮށްލާ ހާދިސާ އެވެ.
އާސިމާ ހަސަން (އަސްލު ނަމެއް ނޫން) އަށް މީގެ 23 އަހަރު ކުރިން ޖިންސީ ގޯނާކޮށްފައި ވަނީ ބައްޕަގެ ރަހުމަތްތެރިކަމުގައި އެ ގެއަށް އައިސް އުޅުނު ފިރިހެނެކެވެ. ބޭބެއެއްގެ ސިފަ ދައްކައިގެން އޭނާ ފޭރިގަތީ އެ ކުޑަ ކުއްޖާގެ އިތްފަތެވެ. އޭނާގެ އެ ގޮތެއް ފޮތެއްނެތް ލާއިންސާނީ އަމަލުގެ ޝިކާރައަކަށް އާސިމާވެފައި ވަނީ އެއްރޭ ނިދަންއޮށްވަ އެވެ.
އޭރު ޖިންސީ އަނިޔާ ލިބިފައިވާ އާސިމާ އަކީ މިއަދު ކައިވެންޏެއްކޮށް ދަރިޔަކު ބަލަހައްޓަމުން އަންނަ މަންމައެކެވެ. މިއަދާ ހަމައަށް އާސިމާގެ ކަންކަން އައިސްފައިވާ އިރު އޭނާގެ އުމުރުން އަށް އަހަރުގައި ލިބުނު އެ އަނިޔާ ވެގެންގޮސްފައި ވަނީ އޭނާގެ ދިރިއުޅުން ބޮޑު އަނދަވަޅަކަށް ވައްޓާލި ސަބަބަކަށެވެ. ކައިވެންޏެއްކޮށް އެންމެ އުފަލާއި އަރާމުގައި އުޅެންވި ދުވަހު ވެސް ކުރިން ލިބުނު އެގޯނާގެ ސަބަބުން އޭނާ އަށް އުފަލެއް ލިބޭގޮތެއްނުވި އެވެ. ފިރިމީހާއާ އެކު ހޭދަކުރާ އެކަހެރި ވަގުތުތަކުގައި ވެސް އެގޯނާ ސިފަވެ މާޔޫސްކަމާއި ކުރިމަތިލާން ޖެހެނީ އެވެ. އޭގެ ސަބަބުން ދެމަފިރިންގެ ގުޅުމަށް ވެސް ބުރޫއަރަނީ އެވެ.
"ހޫނު ނޭވާއެއް ގައިގައި ޖެހިލިޔަސް އެދުވަސް ހަދާންވޭ، އެހިސާބުން ދެން މުޅި މީހާ ވަރަށް ކަޑަވޭ، ކައިވެނީގެ ކުރީކޮޅުގައި ހާއްސަކޮށް އެއުނދަގޫތައްވި، މިހާރު ވެސް އުނދަގޫވޭ." ޅައިރު ޖިންސީ ގޯނާ ލިބިފައިވާ އާސިމާ ބުންޏެވެ.

ޖިންސީ އަނިޔާގެ ވާހަކަ ސަން އަށް ކިޔައިދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
އާސިމާ ތަހައްމަލު ކުރަމުން އެދާ އިހުސާސްއަކީ ވެސް އެތައް ބަޔަކު ތަހަށްމަލްކުރަމުން އަންނަ ވޭނެކެވެ. ކުށެއްނެތް އެތައް މައުސޫމް ދެ ޖިންސަށް ނިސްބަތްވާ އެތައް ކުދިންތަކަކަށް އެގޮތެއްފޮތެއްނެތް ކަންކަމާއި އެވަނީ ކުރިމަތިލާންޖެހިފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކު އެއީ ޖިންސީ އަނިޔާއެއް ލިބިފައިވާ މީހެކެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ އެމީހުންގެ އިއްފަތްތެރިކަން ކުޑައިރު ގެއްލިފައިވާ މީހުންނެވެ.
ޖިންސީ އަނިޔާއިން ނަފްސާނީ ބޮޑު އަނދަވަޅަކަށް
ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކަށްވެފައި ވަނީ މާޔޫސް ދިރިއުޅުމެއް ތަހައްމަލު ކުރަން ޖެހުމެވެ. އުފާވެރި ވަގުތުތަކުގެ ބަދަލުގައި ސިނކުޑިއަށް މުޅިން ވެސް ކަންބޮޑުވުންތަކާއި އެކިޒާތްޒާތުގެ މާޔޫސްކަން ފޯރުމެވެ. މުޅި ދިރިއުޅުމުގެ މަތިން ފޫހިވުމެވެ. އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވެ އެވެ. ކޮންމެ ކަމެއްގައި ވެސް އޭނާ އަށް ވިސްނެނީ އެންމެ ބިރުވެރި ދިމާލެވެ. ގަބޫލު ކުރެވެނީ ވެސް މުސްތަގްބަލް ބަނަވެފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަފްސާނީ ޑޮކްޓަރެއްކަމަށްވާ ޑރ. ބައްޝާރު އަބްދުﷲ ދެކޭ ގޮތުގައި ޅައިރު ޖިންސީ ގޯނާ ލިބިފައިވާ ނުވަތަ ލިބެމުންދާ ގިނަ ކުދިންނަށް "ޑިޕްރެޝަން"ގެ އަސަރުކުރުން ބޮޑެވެ. އެފަދަ ނަފްސާނީ މައްސަލަތަކުގެ ސަބަބުން ގިނަ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެ އެވެ.
"ބައެއް ކުދިން އަބަދު ވެސް އެ ދިމާވި އަނިޔާ ހަދާން ހުރެ އެކަމާ ބިރުގަތުމުގެ މައްސަލަ ކުރިމަތިވޭ. އެކަމުގެ ސަބަބުން ތައުލީމް ހާސިލް ކުރުމަށާއި ކެއުން ބުއިމާއި ނިދުން ފަދަ ކަންތަކަށް ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވޭ،" ޑރ. ބައްޝާރު ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ މައްސަލަތައް ދިމާވެފައިވާ ކުދިންނަށް ވީހާ ވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއާލާ ފަރުވާ ނުކުރެވިއްޖެ ނަމަ އަތުންފައިން ގޯސް ހެދޭ ހިސާބަށް ކަންކަން ވެގެންދެ އެވެ.
އަނިޔާ ލިބިފައިވާ ކުދިން ދެނަގަންނާނީ ކިހިނެއް؟
ޖިންސީ ގޯނާ ލިބިފައިވާ ކުދިން އަވަހަށް ދެނެގަންނަން ޖެހެ އެވެ. އާދައިގެ ކުއްޖެއްގެ ކިބައިން ނުފެންނާނެ ފަދަ އެތައް ކަމެއް ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖެއްގެ ކިބައިން ފެނިދާނެ އެވެ.
ކަމާބެހޭ ފަރާތްތަކުން އާންމު ކޮށްފައިވާ އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި އެ ކުއްޖަކަށް ނިދަން އުނދަގޫވެގެން އުޅުމާއި މާޔޫސްވެފައި ހުރުމުގެ އިތުރުން އަވަހަށް ހާސްވުމާއި ލަދުވެތި ވުމާއި ރުޅި ގަދަވުން ހިމެނެ އެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ޖިންސީ ގުނަވަނަށް ބަލިޖެހުމާއި ހިނގުމާއި އިށީނދެ އިނުމަށް އުނދަގޫވުމާއި ކުއްޖާގެ އުޅުމަށް ބަދަލުތައް އައުން ވެސް ހިމެނެ އެވެ.
ގޯނާ ކުރުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ.
ޖިންސީ އެފަދަ ގޯނާތަކަކީ އެކަން ތަހައްމަލު ކުރަން ޖެހޭ ފަރާތްތަކަށް ބޮޑު ވޭނަކަށްވެފައިވާ އިރު އެފަދަ ކަންކަން ދިމާނުވަނީސް ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެ އެވެ. އެންމެ މުހިންމު ފިޔަވަޅަކަށް ވެގެންދާނީ މާތްވެގެންވާ އިސްލާމްދީން އަންގާފައިވާ ގޮތްތަކަށް އަމަލު ކުރުމެވެ. ދެ ޖިންސު މަށްސުނިނުވާ ގޮތަށާއި ލޯތަކަށް އަޅައިނުގަންނަ ގޮތަށް ހެދުންއެޅުން ފަދަ ކަންކަން ކުރުން މުހިންމެވެ. ހަމައެއާ އެކު ދަރިން ދިރިއުޅޭނެ ރަނގަޅު ރަށްކާތެރި މާހައުލެއް ގާއިމްކޮށްދިނުން މުހިންމެވެ.
ގޭގައި ދިރިއުޅޭ ފަރާތްތަކާއި ގެއަށް އަންނަ ނުވަތަ ކުއްޖާ ގޮސްއުޅޭ ތަންތަނުން ވެސް އެކުދިންނާ ބައްދަލުވާ ފަރާތްތަކުން އެކުދިންނަށް ގޯނާއެއް ނުވާނެކަން ޔަގީން ކުރަންޖެހެ އެވެ. ހަމައެއާ އެކު ބެލެނިވެރިންނާއި ކުއްޖާއާއި ދޭތެރޭ ގާތްގުޅުމެއް ބޭއްވުން މުހިންމެވެ. ބައްޕަ އަދި މަންމަމެންގެ ފަރާތުން ވެސް އެފަދަ ގޯނާތައް ފެންނާތީ އެކުދިންގެ ދެން ތިބި ބެލެނިވެރިން ވެސް އެކަމަށް ސަމާލުވާންޖެހެ އެވެ.
ބޮޑުވަމުން އަންނަ ކުއްޖާގެ ހަށިގަނޑުން ގާތްތިމާގެ އެހެން މީހަކަށް ވެސް "އަތްލެވެނީ ނުވަތަ ބެލެނީ ކޮން ތަނެއްކަން" މައިން އެކުދިންނަށް ކިޔާދޭން ޖެހެ އެވެ. އެފަދައިން އެކަން ނުގޮސްފި ނަމަ ކުއްޖާ އުޅޭ މާހައުލުން މީހަކު ކުއްޖާގެ ހަށިގަނޑުން ހިސާބެއްގައި އަތްލިޔަސް ނުވަތަ ފޮޓޯއެއް ނެގުން ފަދަ އަމަލެއް ހިންގި ކަމުގައި ވިޔަސް އެ ކުއްޖާ އަށް އެއީ ކިހާވަރެއްގެ ކަމެއްކަން ގިނަ ފަހަރު ނުވިސްނެ އެވެ.
"ކުއްޖާގެ ހަށިގަނޑަކީ ވެސް އެ ކުއްޖާގެ ހައްގެއް. އެ ހައްގު އެހެން މީހަކަށް ނިގުޅައެއް ނުގަނެވޭނެ. އެހެންވީމަ ކުއްޖާ ބޮޑުވަމުން އަންނަ އިރު އެ ކުއްޖާގެ ގައިގައި އަތްލެވެނީ ނުވަތަ ބެލޭނީ ކޮންތަނެއް ކަން މައިން އެކުދިންނަށް ކިޔައިދޭން ޖެހޭނެ. ކޮންމެ ކުއްޖަކު ވެސް އެފަދަ އަނިޔާތަކުން ސަލާމަތް ކުރުމުގައި މައިންގެ ދައުރު ވަރަށް ބޮޑުވާނެ،" އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެލާއިންސާނީ އަމަލަކީ ބޮޑުވެގެންވާ ކުށެއް.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާގޮތުން، ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހިމަނާފައިވާ އިރު އާއިލާގެ ކުއްޖަކާ ޖިންސީ ގުޅުމެއް ހިންގައިފި ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހިމަނާފައިވެ އެވެ.
ޅައިރު ލިބުނު އެއަނިޔާގެ ކިބައިން އަދިވެސް އެތައް ބަޔަކު އެވަނީ އަރައިނުގަނެވި ބިއްޖެހިފަ އެވެ. ހިތާމައަކީ ގިނަ އަދަދަކަށް އަދިވެސް އެފަދަ މައްސަލަތައް ހިނގަމުން އަންނަ ކަމެވެ. އެފަދަ ވަކިތަކުގައި ދަށުވެ އެތައް ކުއްޖަކު ބިކަވަމުންދާއިރު މިއަމަލު ހުއްޓުވުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.