20 Feb 2016, 15:10
އަދާލަތު ޕާޓީގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާނު ޙުސައިން މަނިކު، ޝައިޚު އިލްޔާސް ޙުސައިނަށާއި އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަދާލަތަށް ފާޑުވިދާޅުވެ، މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ކަނޑައެޅިގެން ދޮގުހެދުމަކީ ހުތުރުވެގެންވާ ސިފައެއް" ކަމަށެވެ.
އިލްޔާސަށް ފާޑުވިދާޅުވެ ނިހާނު ކުރެއްވި ޓުވީޓެއްގައި "އެމްޑީޕީގައި ތިއްބަވާ މުސްލިމް އަޚުންނާއި އުޚުތުންނަކީ ލާދީނީ ބައެއް ކަމަށް ބުނި ޝައިޚު މިރޭ އެހެން ލަވައެއް ކިޔައިފި" ކަމަށެވެ. އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ކަންނެލި އޮޑިއަކަށް ސްޓޭޖަށް އަރައި ދީނުގެ ނަމުގައި ދޮގުހަދާ ބަޔަކު މިގައުމުގައި އުޅޭ ކަމަށް އެމްޑީޕީން ބުނި" ކަމަށެވެ. "މުނާފިގުންގެ ގޮތަކީ ދެފަހަރު ދެގޮތަށް ވާހަކަ ދެއްކުން" ކަމަށް ވެސް އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އަދާލަތު ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޝައިޚު އިލްޔާސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ އަށް ވަޒީފާއެއް ދެއްވަން ރައީސް ޔާމީނު ހުށަހެޅުއްވި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.