20 Feb 2016, 15:03
މިފްކޯއިން އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމު ކުރަމުންދާ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތު ތަކާ ގުޅޭގޮތުން އެ ސިޓީގެ ޒުވާނުނަށް މައުލޫމާތު ދީފިއެވެ.
ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ ޒުވާނުންނަށް މައުލޫމާތު ހިއްސާކޮށްފައިވަނީ، އެ ސިޓީގެ ޝަރަފުއްދީން ސުކޫލްގައި ކުރިއަށް ދާ ކިއްސަރު ފެއާގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ސްޓޯލް މެދުވެރިކޮށް ކަމަށް މިފްކޯ އިން ބުނެއެވެ.
ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން، މި ފަހަރުގެ ފެއާ މެދުވެރިކޮށް އެ ފެކްޓްރީއަށް ބޭނުންވާ ޓެކްނިކަލް ސްޓާފުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިފްކޯ އިން ބުނެއެވެ.
މިފްކޯއިން ބުނީ، ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައި ހޮވޭ ޒުވާނުންނަށް ހުޅުމީދޫ ފެކްޓަރީގައި މަސައްކަތް ކުރުމުގެ ކުރިން އެ ކުންފުނީގެ އެކިއެކި ސައިޓުތަކުގައި ތިން މަސްދުވަހުގެ އިންޓާންޝިޕް ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކިއްސަރު ފެއާގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ސްޓޯލަށް އައްޑޫ ސިޓީ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މިފްކޯއިން ބުނެއެވެ.
ޔޫތު މިނިސްޓްރީ އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކިއްސަރު ފެއާގައި ޖުމްލަ 40 ސްޓޯލް ބައިވެރިވެފައި ވެއެވެ.
މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ޔޫތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.