މާލެ އާއި ހުޅުލެއާ ދެމެދު ބުރިޖް އެޅުމުގެ މަސައްކަތަށް ގާދޫކޯ (މާލެއާއި ހުޅެލެއާއި ދެމެދުގައިވާ ކަނޑުއޮޅި) ބަންދު ކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ކުރިންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތަށް މިއަދުން ފެށިގެން ގާދޫކޯ ހުރިހާ އުޅަނދަކަށް ބަންދު ވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެއާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

ގާދޫކޯ ކަނޑުގެ ޓްރެފިކަށް ބަންދުވުމާ ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއަކީ ބޮޑުކަޅި އެވެ. މާލެއާއި ތިލަފުށީ ބަނދަރުން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރުން ދުވާލުގެ އަލި ކަމުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރެވިދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އޭގެ އިތުރުން މާތިލަ (މާލެއާއި ވިލިނގިއްޔާ ދެމެދުގައިވާ ކަނޑުއޮޅި) އިން ދިގުމިނުގައި 40 މީޓަރަށް ވުރެ ބޮޑު އުޅަނދު ވަދެނިކުތުން ވެސް ވަނީ މަނާކޮށްފަ އެވެ.

ބުރިޖު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނުމަގު ޓަސްކަލޫސާ ހަމައިން ދަރުބާރުގޭ އިރު ހުޅަނގު ކަންމައްޗާ ހަމަ އަށް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އަމީނީމަގުގެ އިރުމަތީކޮޅުން ފެށިގެން މޫންލައިޓްހިނގުމުގެ އިރުދެކުނު ކަނާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ.