20 Feb 2016, 14:47
ރާއްޖޭގެ ކްރިކެޓް ބޯޑުގެ މިއަހަރުގެ ބަޖެޓަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅުމަށް ކްރިކެޓް ބޯޑްގެ އެކްސްކޯއިން ނިންމައިފިއެވެ.
ހޮޓެލް 'ޖެން' ގައި މިއަދު ބޭއްވި ކްރިކެޓް ބޯޑްގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ ކްރިކެޓްބޯޑްގެ ހަރަކާތްތަކަށް 7،525،372.60 (ހަތް މިލިއަން ފަސް ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ ހަތްދިހަ ދެ ރުފިޔާ، ފަސް ދޮޅަސް ލާރި) ކަނޑައަޅާފައެވެ.
މިބަޖެޓްގެ ތެރޭގައި ޔޫތު މިނިސްޓްރީން ކްރިކެޓް ބޯޑަށް ދޭ 776،100.00 (ހަތް ލައްކަ ހަތްދިހަ ހަ ހާސް ސަތޭކަ) ރުފިޔާ ހިމެނެއެވެ.
ބާކީ އަނެއް 6،749،272.60 (ހަ މިލިއަން ހަތް ސަތޭކަ ސާޅިސް ނުވަ ރުފިޔާ ދުއިއްސައްތަ ހަތްދިހަ ދެ ރުފިޔާ ފަސްދޮޅަސް ލާރި) އަކީ ކްރިކެޓް ބޯޑުން އެކި ގޮތް ގޮތުން ހޯދަން ޖެހޭ ފައިސާއެވެ.
ކްރިކެޓް ބޯޑްގެ ޖެނަރަލްސެކްރެޓަރީ އިމާދު އިސްމާއީލް ވިދާޅުވީ، މުބާރާތްތަކުގެ ސްޕޮންސަރުންނާއި ކްރިކެޓްބޯޑްގެ އެކިއިވެންޓްތަކުގެ ސްޕޮންސަޝިޕާއެކު އެފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ.
ބަޖެޓްގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އިކުއިޕްމެންޓާ އިންފްރާސްޓްރަކްޗާއަށެވެ.
އެގޮތުން އިންފްރާސްޓްރަކްޗާއާއި އިކުއިޕްމެންޓަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކުރުމަށް ވަނީ ނިންމައިފައެވެ.
ދެވަނަ އަަށް އެންމެ ބޮޑު ހޭދައެއް ހިނގާނެ ދާއިރާއެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އިދާރީ ޚަރަދުތަކަށެވެ. އެގޮތުން އިދާރީ ޚަރަދުތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނަޑައަޅާފައެވެ.
ޑޮމެސްޓިކް މުބާރާތްތަކަށް 551،465.00 (ފަސް ލައްކަ ފަންސާސް އެއް ހާސް ހަތަރު ސަތޭކަ ފަސްދޮޅަށް ފަސް ރުފިޔާ) ޚަރަދު ކުރުމަށް ވަނީ ފާސްކޮށްފައެވެ.
އަހަރީ ޢާންމު ބައްދަލުވުމަށްފަހު މީޑިއާގައި ވާހަކަ ދައްކަމުން ކްރިކެޓް ބޯޑްގެ ރައީސް އަހްމަދު ޙުސައިން ދީދީ ވިދާޅުވީ، މިއަހަރު އަތޮޅު ތެރޭގައި ކްރިކެޓްގެ ހަރަކާތްތައް ހިންގުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.