ވޮޝިންޓަން (ފެބްރުއަރީ 20): ޖަލުގެ ކުޑަގޮޅީގައި އެންމެ ގިނަ ދުވަސް ހޭދަކުރި އެމެރިކާގެ ގައިދީ، އަލްބަޓް ވުޑްފޮކްސް 43 އަހަރަށް ފަހު މިނިވަންކޮށްފި އެވެ.

އޭނާ ކުޑަގޮޅިއަށް ލާފައި ވަނީ އެޕްރިލް 1972ގައި ބްރެންޓް މިލާ ކިޔާ ޖަލުގެ ގާޑަކު އިތުރު ދެގައިދީން ކަމަށްވާ، ރޮބާޓް ކިންގާއި ހާމަން ވޮލަސްގެ އެހީގައި މަރާލުމާ ގުޅިގެންނެވެ. އެތިން މީހުން ވަނީ "އެންގޯލާ ތްރީ"ގެ ގޮތުގައި މަޝްހޫރުވެފަ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި ވުޑްފޮކްސް ވަނީ ބްރެންޓް މިލާ މެރުމުގައި ބައިވެރިނުވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ނަމަވެސް، މިފަހަރު އޭނާ ވަނީ ކުރިން އޭނާގެ މައްޗަށްކޮށްފައިވާ ދައުވާ އަށް ވުރެ ކުޑަ ދައުވާއަކަށް އެއްބަސްވެފަ އެވެ. އެއީކުށަށް އިއުތިރާފު ވުން ނޫންކަމަށް ވުޑްފޮކްސް ބުންޏެވެ.

"އަހަރެން ކުށް ނުކުރާކަން ސާބިތުކޮށްދޭން ބޭނުންވި ނަމަވެސް އަހަރެންގެ ސިއްހަތާއި އުމުރާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ކުޑަ ދައުވާއަކަށް އެއްބަސްވީ،" ވުޑްފޮކްސްގެ ފަރާތުން ނެރުނު ބަޔާނެއްގައިވެ އެވެ.

އެންގޯލާ ތްރީގެ ބާކީ ދެމީހުން، ކިންގާއި ވޮލަސް ވަނީ 2001ގަ އާއި 2013ގައި މިނިވަންކޮށްފަ އެވެ.

ވުޑްފޮކްސްގެ ވަކީލުންނާއި އޭނާ އަށް ތާއިދު ކުރާ މީހުން ބުނި ގޮތުގައި އެމީހުން ކުޑަގޮޅިއަށް ލާފައި ވަނީ ކަޅު ނަސްލުގެ މީހުންނަށް ފުލުހުން ކުރާ އަނިޔާއާއި ނަސްލީ ގޮތުން ތަފާތު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ. (ނޫސްއޭޖެންސީތައް)