އެމެރިކާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޕެރިސް ހިލްޓަން އޭނާގެ 35 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައީ މީގެ ދެ ދުވަސްވަރު ކުރިންނެވެ. ރާއްޖެ އައި މަގުމަތީގައި އޭނަ ވަނީ މަތިންދާ ބޯޓުގައި ކޭކެއް ފަޅަނިކޮށް ނަގާފައިވާ ފޮޓޯއަކާއި ރަށްތަކެއް މަތިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

ޕެރިސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއެއް ---

ހަމައެއާ އެކު، އޭނާގެ އުފަންދުވަސް ފާހަގަ ކުރަން މަޑު ކުރި ރިސޯޓުގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާއަށް އަޕްލޯޑު ކޮށްފަ އެވެ. އެ ފޮޓޯތަކާ އެކު، އޭނާ ވަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.

އެގޮތުން އޭނާ ފޭސްބުކް ޕޭޖުގައި އަޕްލޯޑު ކުރި ފޮޓޯއެއްގެ ކެޕްޝަންގައި، ރާއްޖެ އަކީ އާދަޔާ ހިލާފު ރީތި ތަނެއް ކަމަށް ބުނެފައިވެ އެވެ.

"ދުނިޔޭގެ އެންމެ ރީތި ތަންތަނަށް އަހަރެން ދަތުރުކޮށްފިން. ނަމަވެސް މިއީ މިހާތަނަށް އަހަންނަށް ދަތުރު ކުރެވުނު އެންމެ ރީތި އެއް ތަން. މިތަން އާދަޔާ ހިލާފަށް ރީތި"، ފޮޓޯގެ ކެޕްޝަންގައިވެ އެވެ.

ހަމައެއާ އެކު، އޭނާ ސޯޝަލް މީޑިއާގައި އާއްމު ކުރި އެހެން ފޮޓޯއެއްގެ ކެޕްޝަންގައި، ވަރަށް އަމާންކަން އިހުސާސް ވާކަމަށް ވެސް ކިޔެފައިވެ އެވެ.

"ވަރަށް އަމާންކަން އިހުސާސްވޭ. އުފަންދުވަސް ފާހަގަ ކުރަން މިއަށް ވުރެ ރަނގަޅު ގޮތެއް އެބަ އޮތްތަ؟"، ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ޕެރިސް ހިލްޓަން ރިސޯޓެއްގެ ފާލަންމަތީގައި --

އޭނާގެ ފޮޓޯތަކުގައި ރާއްޖެ އަށް ކިތަންމެ ވަރަކަށް ތައުރީފު ކުރި ނަމަވެސް، އެއީ ރާއްޖެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ މަޑުކޮށްގެން ހުރީ ރައްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް، ރާއްޖެ އިން ފުރާނީ ކޮން އިރަކު ކަމެއްވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް ބަލާ އިރު އެއީ ރީތި ރަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.