21 Feb 2016, 09:12
ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުންތަކެވެ. ބަރުދަން ލުއި ކުރުމަށް ކާންވީ އެއްޗިއްސާއި ޑައެޓުތަކާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުންތަކެވެ.
އެހެންނަމަވެސް އަހަރުމެން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. މިދުނިޔޭގައި ބަޔަކު ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ ފަދައިން ބަރުދަން އިތުރު ކުރުމަށް ވެސް ބަޔަކު މަސައްކަތް ކުރެ އެެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް ކެވިދާނެ ބައެއް ކާނާ ތަކަށް ބަލާލާނަމެވެ.
ރެޑް މީޓު

ރެޑްމީޓުގައި "ހައި ޑެންސިޓީ ލިޕޯ ޕްރޮޓީންސް" ނުވަތަ "ރަނގަޅު ކޮލެސްޓްރޯލް" ގިނަ އަދަދަކަށް އެކުލެވެ އެވެ. އެއީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ކޮލެސްޓްރޯލް އެކެވެ. ހަމައެއާ އެކު، ރެޑްމީޓުގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި އަޔަން އެކުލެވެ އެވެ. އެ ދެ މާއްދާ އަކީ ވެސް ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ދެ މާއްދާއެކެވެ.
އެހެންކަމުން، ކާ އެއްޗެހި ކެއްކުމުގައި އަދި ތައްޔާރު ކުރުމުގައި ވެސް ރެޑްމީޓު ހިމަނާށެވެ. އެގޮތުން ރެޑްމީޓު އިން ކާނާ ތައްޔާރު ކުރާއިރު، ފަތުގެ ބާވްތަކާ އެކު އޮލިވް އޮއިލް ކޮޅެއްވެސް އެއްކޮށްލައިގެން ތައްޔާރު ކުރާށެވެ. އަނގަޔަށް މީރުވެފައި ބަރުދަން ވެސް އިތުރުކޮށްދޭނެ އެވެ.
ޕީނަޓު ބަޓާ

އެއް ސަމްސާ ޕީނަޓު ބަޓަރުގައި 100 ކެލޮރީސް އެކުލެވެ އެވެ. އެހެންކަމުން ބަރުދަން އިތުރު ކުރުމަށް ޕީނަޓު ބަޓަރު ބޭނުން ކުރާށެވެ. ބަރުދަން އިތުރުކޮށްދިނުމާ އެކު، ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް ވެސް ޕީނަޓު ބަޓަރުގައި އެކުލެވެ އެވެ. އެގޮތުން، ވިޓަމިން އީ، ވިޓަމިން ބީ، ފޯލިކު އެސިޑު އަދި މެގްނީސިއަމް ވެސް އޭގައި ގިނަ އަދަދަކަށް އެކުލެވެ އެވެ.
އެހެންކަމުން، ކޮންމެ ދުވަހެއްގެ ނާސްތާއަށް އަށާއި އެހެނިހެން ގަޑިތަކަށް ވެސް ޕީނަޓު ބަޓަރު ބޭނުން ކުރާށެވެ.
ކިރު

ތަފާތު ވައްތަރުތަކުގެ ކިރު ޕެކެޓު ބާޒާރުން ލިބެން ހުރެ އެވެ. އެގޮތުން ސުކިމް ކިރު، ލޯ ފެޓު އަދި ވެސް އެހެނިހެން ބާވަތްތައް ވެސް ފާހަގަކޮށްލެވެ އެވެ. އެހެންނަމަވެސް، އެ ހުރިހާ ވައްތަރުތަކުގެ ތެރެއިންވެސް، ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދެނީ "ހޯލް ފެޓް މިލްކު" އެވެ.
އެ ބާވަތުގެ ކިރުގައި ވިޓަމިން ޑީ، ވިޓަމިން އޭ އަދި ކެލްސިއަމް ވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ. ހަމައެއާ އެކު، ކޮންމެ ކިރު ތައްޓެއްގައި 60 ކެލޮރީސް ވެސް އެކުލެވެ އެވެ. އެހެންކަމުން ނިދުމުގެ ކުރިން ވިޔަސް ނުވަތަ އެހެނިހެން ގަޑިތަކުގައި ވިޔަސް، ސީރިއަލް، އޯޓުމީލް ފަދަ އެއްޗިއްސާ އެކު ނަމަވެސް، ގިނައިން ކިރު ބޭނުން ކުރަން އާދަ ކުރާށެވެ.
މޭވާ

ބައެއް ވައްތަރުގެ މޭވާ ބަރުދަން ލުއި ކުރުމަށް އެހީތެރިވެ ދިން ނަމަވެސް، ބައެއް ވައްތަރުގެ މޭވާތައް ބަރުދަން އިތުރު ކުރުމަށް ވެސް އެހީތެރި ވެދެ އެވެ. އެގޮތުން އެވޮކާޑޯ އަކީ އެފަދަ މޭވާ އެކެވެ.
އެހެންކަމުން، އެވޮކާޑޯ ފަދަ މޭވާތައް ގިނައިން ކާން އާދަ ކުރާށެވެ. ހަމައެހެންމެ، އެފަދަ މޭވާތަކުން ސްމޫތީސް ތައްޔާރު ކޮށްގެން ވެސް ބޭނުން ކުރާށެވެ. ޔަގީނުން ވެސް ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ބަރުދަން އިތުރު ކޮށްދޭނެ އެވެ.
މި ބަޔާންކޮށްދެވުނީ، ރަނގަޅު ގޮތުގައި ބަރުދަން އިތުރު ކުރެވިދާނެ ގޮތްތަކެކެވެ. "ރަނގަޅު" ގޮތުގައި މި މާނަ ކުރަނީ، "ޖަންކު ފުޑްސް"ތަކާ ދުރުވެ، ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ބަރުދަން އިތުރު ކުރުމަށެވެ.
މައުލޫމާތު: ވެލްނެސްބިން.ކޮމް