20 Feb 2016, 11:26
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބަރީ ޔޫސުފްގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ގަޒީ ބާރީ ސޮއިކުރައްވައި ކްމޮޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ 18 ފެބުރުއަރީ ދުވަހުގެ 13:34 އެހާކަންހާއިރު ޖަސްޓިސް ބިލްޑިންގެ އުތުރުން އޮންނަ ގޯޅީގައި އެމަނިކުފާނު ހުއްޓައި އިންޒާރުދީ ފޮޓޯ ނަގާފައިވާ ކަމަށެވެ.
ސިޓީގައި ބާރީ ވަނީ ފޮޓޯނަގައި އިންޒާރުދިން މީހާ ދުއްވަން އިން ސައިކަލު ނަމްބަރު ވެސް ހިމަނައިފަ އެވެ. އަދި އެމީހާ ބާރީއަށް ނިސްބަތްކޮށް އިންޒާރުދިނުމުގެ ގޮތުން "ކަލޭ ފޮޓޯއެއް ނަގަން އެބަ ޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭ ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ،" މި އިބާރާތުން މުހާތަބުކޮށްފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.
ސައިކަލު ދުއްވި ފަރާތް ހޯދުމަށް ފަހު ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަދި އެހެން ގާނޫނެއްގެ ދަށުން ވެސް ފިޔަވަޅު އަޅައިދިނުމަށް ސިޓީގައި ގާޒީ ބާރީ ވަނީ އެދިވަޑައިގެންފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކްރިމިނަލް ކޯޓުން އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.