ކައިރޯ (ފެބްރުއަރީ 20): އުމުރުން އެއް އަހަރުގައި މީހަކު މެރުމުގެ ކުށުގައި މިސްރުގެ ހަތަރު އަހަރުގެ ކުއްޖަކު އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ހަތަރު މީހަކު މެރުމާއި، އަށް މީހަކު މެރުމަށް މަސައްކަތް ކުރުމާއި، އެހެން މީހެއްގެ މުދަލަށް ގެއްލުން ދިނުމާއި ސިފައިންނާއި ފުލުހުންނަށް އިންޒާރު ދިނުމުގެ ކުށުގައި މިދިޔަ އަންގާރަ ދުވަހު އުމުރަށް ޖަލަށް ހުކުމް ކުރީ އަހުމަދު މަންސޫރު ކަރްމީ ކިޔާ ކުއްޖެއްގެ މައްޗަށެވެ.

އެހުކުމަކީ މިސްރުގެ ވެރިރަށް ކައިރޯގައި އެއްފަހަރާ 115 މީހެއްގެ މައްޗަށް ކުރި ޖަލު ހުކުމްތަކުގެ ތެރެއިން ކޮށްފައިވާ ހުކުމެކެވެ. އަހުމަދުގެ ޑިފެންސް އެޓާނީ ފައިސަލް އަލްސައިދު ވިދާޅުވީ ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި އަހުމަދުގެ ނަން ހިމެނިފައި ވަނީ އޮޅިގެން ކަމަށެވެ.

"މިސްރުގެ ސަލާމަތީ ފައުޖުތަކުން ހުށަހެޅި ލިސްޓުގައި އަހުމަދުގެ ނަން ހިމެނުނީ އޮޅިގެން، އެހެންވެ އަހުމަދުގެ އުފަން ދުވަހުގެ ސެޓްފިކެޓް އަޅުގަނޑު ކޯޓަށް ހުށަހެޅިން. ނަމަވެސް އެ މައްސަލަ އަސްކަރީ ކޯޓަކަށް ބަދަލުކުރުމުން އަހުމަދު ކޯޓަށް ހާޒިރު ނުވަނީސް އޭނާގެ މައްޗަށް ހުކުމް ކުރީ. އޭގެއިން ދޭހަވަނީ މައްސަލައާ ބެހޭ ލިޔުންތައް ފަނޑިޔާރު ކިޔާފައި ނުވާކަން،" ފައިސަލް ވިދާޅުވި އެވެ.

އެހެން ވަކީލަކު ވަނީ އޭގެއިން ފެނިގެންދަނީ "މިސްރުގައި އިންސާފެއް ނެތްކަން" ކަމަށް ވިދާޅުވެފަ އެވެ.

މިސްރުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީގެ ކުރައްވަމުން ގެންދަވަނީ އަސްކަރީ ވެރިކަމެކެވެ. ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ 40،000 މީހުން މިހާރު ވެސް މިސްރުގެ ޖަލުތަކުގައިވާ ކަމަށް ލަފާކުރެވެ އެވެ. (އިންޑިޕެންޑެންޓް)