އިންޑިއާ ސަރުކާރަށް މާލޭން ދީފައިވާ ބިމުގައި ޑިޕްލޮމެޓިކް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އެގައުމުން އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޗާންސަރީއާއި ކަލްޗަރަލް ސެންޓަރަކާއި މީހުން ދިރިއުޅޭ ތަންތައް ހިމެނޭ ޑިޕްލޮމެޓިކް ކޮމްޕްލެސް ޑިޒައިކޮށް، އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް ކޮމްޕްލެކްސްގެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ 8500 އަކަ މީޓަރުގެ ބިމެއްގައި ކަމަށެވެ. އެގޮތުން އަޅާ އިމާރާތުގައި ޗާންސަރީއާއި ކަލްޗަރަލް ސެންޓަރާއި މީހުން ދިރިއުޅޭ ބަޔަކާއި ވެހިކަލް ޕާކްކުރާނެ ތަނެއްކަމަށެވެ. އޭގެ އިތުރުން ސަލާމަތީ ކަންތައްތަކަށް ބޭނުންވާ ބައިތައް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހައިކޮމިޝަނުގެ އިއުލާނުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް ކޮމްޕްލެކްސްގައި ހިމެނޭ ޗާންސަރީ އާއި މީހުން ދިރިއުޅޭ ބައި ހުންނަން ޖެހޭނީ ވަކިވެފައި ކަމަށާއި އެ ދެތަނުން ވެސް ކަލްޗަރަލް ސެންޓަރަށާއި ރެކްރިއޭޝަން ފެސިލިޓީތަކަށް ފަސޭހަ އިން ވަދެވޭ ގޮތަށް ކަމަށެވެ.

އިންޑިއާ ހައިކޮމިޝަން އަޅަން މާލޭން ދީފައިވާ ބިމަކީ މާލޭ ނާސަރީ ކުރިން ހުރި ބިމެވެ.