ލަންޑަން (ފެބްރުއަރީ 20): އިއްޔެ ބެލްޖިއަމްގެ ބްރަސެލްސްގައި އޮތް ބައްދަލުވުމަކަށް ފަހު އީޔޫ މެމްބަރުންނާ އެކު ހަދާފައިވާ އާއެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް ހާއްސަ ދަރަޖައެއް ލިބޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު، ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

އީޔޫގެ މެމްބަރެއްގެ ގޮތުގައި ޔޫކޭ އޮތުމާ ބެހޭ ގޮތުން މި އަހަރުގެ ޖުލައި މަހު ރެފަރެންޑަމްއެއް ބާއްވާނެ ކަމަށް ބެލެވެ އެވެ. އީޔޫ އާއި ޔޫކޭއާ ދެމެދު އިއްޔެ ހެދި އާއެއްބަސްވުމުގެ ސަބަބުން "އީޔޫގެ މެމްބަރެއްގެ ގޮތުގައި ޔޫކޭ އޮތުމަށް ތާއިދު ކުރާ އިނގިރޭސި ރައްޔިތުންގެ އަދަދު އިތުރުވާނެ ކަމަށް" ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ނިންމި ބައެއް ކަންތައްތަކުގެ ތެރޭގައ،ި އީޔޫގެ އެހެން ގައުމުތަކުން ޔޫކޭއަށް ގޮސް މަސައްކަތް ކުރާ މީހުންނަށްދޭ ވެލްފެއާ ޕޭމެންޓަށް ހަތް އަހަރުގެ "އެމާޖެންސީ މެދުކެނޑުމެއް"ގެނައުމާއި، އެމީހުންނަށްދޭ ޗައިލްޑް ސަޕޯޓް ކުޑަކުރުން ހިމެނޭ ކަމަށް ބޮޑުވަޒީރު ކެމެރަން ވިދާޅުވި އެވެ.

އެހެންކަމުނ،ް މިހާރު އީޔޫއިން ޔޫކޭއަށް "ހާއްސަ ދަރަޖައެއް" ލިބިފައިވާ ކަމަށާއި އީޔޫގެ މެމްބަރެއްގެ ގޮތުގައި ޔޫކޭ އޮތުމަށް ތާއީދު ހޯދުމަށް "ހިތާއި ރޫހުން" ކެމްޕެއިން ކުރައްވާނެ ކަމަށް ކެމެރަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމީ އަދި އިގުތިސާދީ ރައްކާތެރިކަމަށް ނުރައްކަލެއް ތައާރަފް ކުރުމަށް މިއީ ރަނގަޅު ވަގުތެއްތޯ؟ އެއީ ޔޫކޭ އަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްލާހުކޮށްފައިވާ އީޔޫގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑުމެން މާ ވަރުގަދަވެފައި ރައްކާތެރިވެފައި މާރަނގަޅު ވާނެ. އެހެންވެ މިއަދު ހެދި އެއްބަސްވުމުގެ ދަށުން އިސްލާހުކޮށްފައިވާ އީޔޫގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިން ތިބުމަށް އަޅުގަނޑު ހިތާއި ރޫހުން ކެމްޕެއިން ކުރާނަން،" ކެމެރަން ވިދާޅުވި އެވެ.

ނަމަވެސް، އީޔޫ އިން ޔޫކޭ ވަކިވުމަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އެއެއްބަސްވުމުގައި ގެނެސްފައި ވަނީ "ވަރަށް ކުދި ބަދަލުތައް" ކަމަށް ބުނެފަ އެވެ.

އެއެއްބަސްވުމަށް ރުހުން ހޯދުމަށް މިއަދު އިނގިރޭސި ކެބިނެޓަށް އެއްބަސްވުން ހުށަހަޅާނެ ކަމަށް ކެމެރަން ވިދާޅުވި އެވެ. (ބީބީސީ)