20 Feb 2016, 10:41
ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން އުފައްދާފައިވާ ދިވެހި ވީޑިއޯ ލަވަ މިއަދު ރިލީޒް ކޮށްފިއެވެ.
ސްކުޔާ އިލެވެން ސްޓޫޑިއޯ އިން އުފެއްދި "ހީލީމާ" ނަމަކަށް ކިޔާ އެ ލަވަ އަކީ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހަރަދުކޮށްގެން އުފައްދާފައިވާ ލަވައެއް ކަމަށް ލަވައިގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުންޏެވެ.
ފިލްމީ ދާއިރާގައި މަޝްހޫރު ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމާހް (ޖުމާ) ހަރަކާތްތެރިވާ އެ ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ރާއްޖޭގެ ތަފާތު ލޮކޭޝަންތަކުގައެވެ. އެގޮތުން އެ ލަވައިގެ ބައެއް މަންޒަރުތައް ނަގާފައިވަނީ ހިންނަވަރާއި، ތޮއްޑޫ އަދި ފެލިވަރު ފަޅު ތެރޭގައި ކަމަށް ޑައިރެކްޓަރު އަޒްހާން އިބްރާހީމް ބުންޏެވެ.
ރީތި މަންޒަރުތަކާއެކު ލަވައިން ފާހަގަކޮށްލެވުނު އަނެއް ކަމަކީ އައްޒަގެ ކޮސްޓިއުމް ތަކެވެ. "ހީލީމާ" ގައި އައްޒަ ފެނިގެން ދަނީ، ވަރަށް ތަފާތު އަދި ރީތި ހެދުންތަކެއްގައެވެ.
އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިއަމް އަޝްފާ އެވެ. އެ ލަވައިގެ ސިނެމޮޓޯގްރަފީ ހަދާފައިވަނީ ސްޓްރީކް ސްޓޫޑިއޯ އިންނެވެ.