އޭއެފްސީ ކަޕްގެ ފުރަތަމަ މެޗް އަވޭގައި ކުޅެން ޖެހުމަކީ މާޒިޔާއަށް ޑިސްއެޑްވާންޓޭޖަކަށް ނުވާނެ ކަމަށް އެޓީމުގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗްގައި މިއަންނަ ބުދަ ދުވަހު ބައްދަލު ކުރާނީ އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މާޒިޔާގެ ޓްރޭނިން ސެޝަނަށްފަހު 'ސަން' އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، މިދިޔަ އަހަރު ކުޅުނު ފުރަތަމަ މެޗުގައި އަވޭގައި ކުޅެން ޖެހުނު އިރު އެމެޗުން ބަލިވިނަމަވެސް މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

މިދިޔަ އަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 2-1 އިން ބެންގަލޫރު އެފްސީ މޮޅުވެގެންނެވެ.

ސުޒޭން ބުނީ އަވޭ މެޗެއްގައި ކުޅުމަށްފަހު ހޯމް މެޗް ކުޅޭއިރު ޓީމު، އެއްގޮތަކުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

"ނޫން އެއީ އެއްގޮތަކަށްވެސް މައްސލައެއް ނޫން. ހޯމް ވިޔަސް އަވޭ ވިޔަސް ރަނގަޅަށް ތައްޔާރު ވެވިއްޖިއްޔާ ރަނގަޅުވާނެ. މިދިޔަ އަހަރު މާޒިޔާ ފުރަތަމަ މެޗް އަވޭގައި ބެންގަލޫރުގައި ކުޅުނު މެޗް މާޒިޔާގެ ކޮޅަށް ނަތީޖާ އަނބުރާ ނުލެވުނު ނަމަވެސް ކުޅުން ރަނގަޅު. އެކަހަލަ މެޗަކުން އައިސް މާލޭގައި ކުޅޭއިރު ނަތިޖާއެއް ނެރެން މާ ފަސޭހަވާނެ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ އެޓޭކިންގައި ބިދޭސީ ކުޅުންތެރިޔެއް ނެތް ނަމަވެސް މާޒިޔާގެ އެޓޭކިން ފޯސް ވަރަށް ވަރުގަދަ ކަމަށް ސުޒޭން ބުންޏެވެ.

އޭއެފްސީ ކަޕް މެޗަށް ނިކުންނައިރު މާޒިޔާގެ މުޙައްމަދު އުމޭރަށް މިދިޔަ އަހަރު ލިބުނު އަނިޔާއިން ރަނގަޅު ނުވާކަން ސުޒޭން ފާހަގަކުރިއެވެ. މީގެއިތުން އެޓީމުގެ މުޙައްމަދު އިރުފާނަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު މަޑުމަޑުން ރިކަވަރ ވަމުން އަންނަ ކަމަށާއި އަދި އަސަދުﷲ ޢަބްދުﷲ އަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައިވާކަމަށް ސުޒޭން ބުންޏެވެ.